ޕްރައިމަރީއަކަށް ނުދާން އުޅެނީ ބަލިވާނެތީ ބިރުން: އުމަރު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީއަކަށް ވަޑައިގަތުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވަމުން ގެންދަވަނީ ޕްރައިމަރީން ބަލިވާނެކަން ކަށަވަރުވާތީ އެކަމާއި ބިރުންކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ރިޔާސީ ޓިކެޓް ހޯދަން ގިނަ ބަޔަކު ކުރިމަތިލާނަމަ ޕްރަމަރީއަކަށް ދާންޖެހޭނެކަމަށެވެ. އަދި އެވަގުތަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ޕާޓީއަށް ނިސްބަތްވާ ރައީސަކަށްވީނަމަވެސް އިތުރު ބޭފުޅަކު ވާދަކުރަން ހުރިނަމަ ޕްރައިމަރީއަކާއި ނުލައި ޓިކެޓް ނުދެވޭނެކަމަށެވެ.
އިތުރު ބޭފުޅަކު ޗެލެންޖްކުރަންވަން ތައްޔާރަށް ހުއްޓާ ޕްރައިމަރީއަކާއި ނުލައި ކައުންސިލުން ނިންމައިގެން ޓިކެޓް ދެވިދާނެކަމަށް ބައެއް ބޭފުޅުން ވިދާޅުވިނަމަވެސް އަސާސީ ގަވާއިދު އެކަމަށް ތަންނުދޭކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް މިއީ އެ ވިދާޅުވާ އަސާސީ ގަވާއިދު ލިޔަން އުޅުނު މީހުން. އެހެންވީމަ އަސާސީ ގަވާއިދުގައި އޮތް އެއްޗެއް އޮޅުވައެއް ނުލެވޭނެ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާއާއިއެކު ޕްރައިމަރީއަކަށް ދެން ވަޑައިގަންނަވަން ނުކުރޭނެކަމަށާ ޕްރައިމަރީން ރައީސް ޔާމީން ބަލިވާނެކަން ޔަގީންވާކަމަށެވެ.
ޕްރައިމަރީއަކަށް ވަޑައިގެން ޕްރައިމަރީން ބަލިވެއްޖެނަމަ ރައީސް ޔާމީނަށް ތާއީދުކުރައްވާނަންތޯ ދެންނެވުމުން އުމަރު ވިދާޅުވީ އެފަދަ ހާލަތެއް އަންނާނެކަމަށް ގަބޫލްނުކުރާކަމަށާ އެފަދަ ހާލަތެއް މެދުވެރިވީނަމަވެސް ރައީސް ޔާމީނަށް ދެން ތާއީދުނުކުރާނެކަމަށެވެ.
"އަޅުގަނޑު ބަލިވިޔަސް ދެން ރައީސް ޔާމީނަށް ބެކް ނުކުރާނަން. އެއީ ރައީސް ޔާމީން ވަނީ ސާބިތުކޮށްދީފައި އެމަނިކްފާނަކީ ގައުމަށް އިހްލާސްތެރި ވެރިއެއް ނޫންކަމަށް." އުމަރު ވިދާޅުވިއެވެ.
ޕްރައިމަރީއަކުން ނޫނީ ރިޔާސީ ޓިކެޓް ދެވިގެން ނުވާނެކަމަށާ އެކަމަށް އަބަދުވެސް ވަކާލާތު ކުރައްވާނެކަމަށް އުމަރު ވިދާޅުވިއެވެ. އަދި ޕްރައިމަރީ ބާއްވައިގެން ޕާޓީ ބައިބައިވިޔަސް އެކަން ކުރަންޖެހޭކަމަށާ އޭނާއަކީ ޕާޓީ ބައިބައިކުރާ މީހެކޭ ބުންޏަސް ފަރުވާލެއް ނެތްކަމަށް އުމަރު ވިދާޅުވިއެވެ.
"އެންމެ ރަނގަޅު އަޅުގަނޑާއި ދިމާއަށް ޕާޓީ ބައިބައިކުރާ މީހާއޭ ބުންޏަސް. އަޅުގަނޑު ޕްރަމަރީއަށް ވަކާލާތު ކުރާނަން. މިހާރުވެސް އަޅުގަނޑާއި ދިމާއަށް ތިޔަކަހަލަ ނަން ފިލާގަނޑުތައް އެއްލާ ދެއްތޯ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް މައުމޫން ދެން އެނބުރިވަޑައި ރައީސް ޔާމީންގެ ގާތަށް ވަޑައިނުގަންނަވާނެކަމަށެވެ.
އުމަރު ވިދާޅުވީ 2018ގެ ފަހުން ނަމަވެސް ޕީޕީއެމް ރައީސް މައުމޫނަށް ލިބިވަޑައިގަންނަވާނެކަމަށާ އެހެންކަމުން އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ބޭނުމެއް ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ