ގައުމު ދުއް އެންމެ ބޮޑު ދެ ޣައްދާރުންނަކީ ޒަކީ އާއި ޝާހިދު - އުމަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހީދާއި ކުރީގެ ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ އަކީ މިގަރުނު ދުއް ގައުމުގެ އެންމެ ބޮޑު ދެ ޣައްދާރުން ކަމަށް ޕީޕީއެމުގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
“އެއާޕޯޓް ސައްލާ” ގެ ނަމުގައި ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ޒަކީ އަކީ މި ގައުމަށް މި ގަރުނުގައި އެންމެ ބޮޑަށް ޣައްދާރުވި މީހާ ކަމަށާއި ތިނެއް ނޮވެމްބަރުގެ ހާދިސާ ހިނގި ދުވަހު ގައުމަށް ޙިޔާނާތްތެރިވެފައިވާ އެކަކީ ޒަކީ ކަމަށެވެ.
"ޒަކީ އަކީ އެންމެ ބޮޑު ޣައްދާރު. އޭނާ ޣައްދާރަކަށްވަނީ ސަބަބުތަކެއް ހުރެގެން. އޭގެ އެއް ސަބަބަކީ ގައުމަށް ކުރިމަތިވި އެންމެ ބޮޑު ހިތާމަވެރި ހާދިސާ ހިނގި ދުވަހު ރާއްޖޭގައި ރައީސް މައުމޫނު ރާއްޖޭގައި ނޫޅުއްވާނެކަމުގެ މައުލޫމާތު ހަނގުރާމަވެރި ޖަމާއަތަށް ދީފައިވަނީ ޒަކީ." އުމަރު ނަސީރު ވިދާޅުވި އެވެ.
ޝާހިދު ޣައްދާރަށްވި ސަބަބު ހާމަކުރައްވަމުން އުމަރު ނަސީރު ވިދާޅުވީ އަބްދުﷲ ޝާހިދަކީ މިގައުމު ވިއްކާލުމަށް މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެކަމުގެ އަޑީގައި ހުންނަވާ އެއް ބޭފުޅާ ކަމަށާއި އެއާޕޯޓްގެ މައްސަލަގައިވެސް އެންމެ ހިތަށް ތަދުވާ ބޭފުޅުންގެ ތެރޭގައި ޝާހިދު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ޖީއެމްއާރަށް އެއަރޕޯރޓް ދިން މައްސަލައިގައި އުމަރު ނަސީރު މީގެ ކުރިންވެސް ވަނީ ޝާހިދުގެ މައްޗަށް ތުހުމަތު ތަކެއް ކުރައްވާފައެވެ. އެގޮތުން ޝާހިދާއި ޑީއާރްޕީގެ ލީޑަރ އަހުމަދު ތަސްމީން ޢަލީ އިންޑިޔާއަށް ވަޑައިގެން ޖީއެމްއާރްގެ އިސްބޭފުޅުންނާއި ބައްދަލު ކުރެއްވި ކަމަށް އުމަރު ވިދާޅުވި ނަމަވެސް ޝާހިދާއި ތަސްމީންވެސް ވަނީ އެކަން ދޮގު ކުރައްވާފައެވެ.
އުމަރު ވިދާޅުވީ ޒަކީ އާއި ޝާހިދަކީ އަބަދުވެސް ގައުމު ވިއްކާލުމުގެ މަސައްކަތް ކުރާ ބައެއްކަމަށާއި، މިގައުމަށް ގެއްލުމެއް ވެފައިވާނަމަ އެކަން ވެފައިވަނީ މި ދެބޭފުޅުންގެ ސަބަބުންކަމަށެވެ.
އުމަރު ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށްދިން އުދުވާނީ ހަމަލާގެ އަޑީގައިވެސް ހުންނެވީ އިބްރާހިމް ހުސައިން ޒަކީކަމަށާއި ޕްލޮޓް ޖަމާއަތުގެ ހަނގުރާމަވެރިން ރާއްޖެއަށް އަރަން ހަމަޖެހިފައިވަނީ އޭރު ޒަކީ ދެއްވި މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށްކަމަށެވެ.
އުމަރު މިގޮތަށް ވިދާޅުވި ނަމަވެސް ޒަކީ ކުރިން ވިދަޅުވެފައިވަނީ ނޮވެމްބަރ ތިނެއްގެ ހާދިސާއި ގުޅިގެން އިންޑިޔާގެ ސިފައިން ރާއްޖެ ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެއްވީ އޭނާ ކަމަށެވެ.
އުމަރުވަނީ ޝާހިދާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާގުޅިގެން ޝާހިދު ކޯޓަށް ވަޑައިގެންނެވި ނަމަވެސް މައްސަލައެއް ނެތްކަމަށާއި އޭނާ ދެއްކެވި ވާހަކަ ދިފާއުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ކ. ތުލުސްދޫގައި ހިންގި އަމާން ރަށްވެހިކަމާއި ބެހޭ މަސައްކަތު ބައްދަލުން ނިންމުގެ ގޮތުން ރޭ އެ ރަށުގައި ބޭއްވި ރަސްމީޔާތުގައި ހޯމް މިނިސްޓަރު ޖަމީލް ވެސް ވަނީ ޒަކީއަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.
ޖަމީލް ވިދާޅުވީ ރާއްޖެ އަށް އިންޑިއާގެ ސިފައިން ގެންނާނެ ކަމަށް ވިދާޅުވެ ޒަކީ ދެއްކެވި ވާހަކަތަކީ ތިނެއް ނޮވެމްބަރު 1988ގައި "ވަސަންތީ" އިސްކޮށް ހުރެގެން ރާއްޖެ އަށް ހަމަލާ ދިނުން ފަދަ ކަމެއް ކަމަށެވެ. އެ ވާހަކަތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"އެކަހަލަ ވައްތަރުގެ ވަސަންތީ މިއަދު ވެސް އެބަ އުޅޭ. ރާއްޖޭގެ ސިޔާދަތައް ގެއްލުން ދޭން މިއަދު ބޭނުން ވަނީ ހަމަ އެކަނި ކަނޑިބަޑި ނަގައިގެން އެކަންޏެއް ނޫން. އަނގައިން ބޭރުކުރާ ބަސްތަކަކީ އެއީ ހަމަ ވަސަންތީ ދިން ހަމަލާތަކަށް ވުރެ ކުޑަ ހަމަލާތަކެއް ނޫން." ޒަކީއަށް އިޝާރާތްކުރައްވާ ޖަމީލް ވިދާޅުވި އެވެ.
އިންޑިއާގައި މިހާރު ހުންނެވި ޒަކީ އިންޑިއާގެ ނޫސްތަކަށް ވިދާޅުވެފައި ވަނީ ޖީއެމްއާރު ބޭރުކުރުމަށް މިހާރު ހިންގާ ހަރަކާތްތަކަކީ ދީނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ބަޔަކު ހިންގަމުން ގެންދާ ހަރަކާތްތަކެއް ކަމަށާއި އެމްޑީޕީން ވެރިކަމުގައި ތިބި ނަމަ ޖީއެމްއާރުގެ ހިމާޔަތުގައި އިންޑިއާގެ ސިފައިން މިހާރު ރާއްޖެގެނައީސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ