ޝަރީއަތުގައި ހަވާލާދިންއިރު ނެތް އެއްޗެއް ހުކުމުގައި އޮތުމުން ކުރެވޭ ތުހުމަތުތަކެއް އެބަހުރި: ޝަހީދު
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރި މަނީ ލައުޑަރިންގެ ދައުވާގެ ޝަރީއަތުގައި ހަވާލާދިންއިރު ނެތް ވާހަކަތަކެއް އެމަނިކުފާނަށް އިއްވި ހުކުމުގައި އޮތުމުން އެ ހުކުމާމެދު ކުރެވޭ ތުހުމަތުތަކެއް ހުރި ކަމެއް ކަމަށް ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމުގެ ގާނޫނީ ވަކީލު އަލްއުސްތާޒު މުހައްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.ނުހައްގުން ޖަލުގައިގެ ނަމުގައި ޗެނެލް13އިން ކުރިއަށް ގެންދާ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ޝަހީދު ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އެ މަނިކުފާނަށް ދެމުން ގެންދަނީ އަނިޔާ ކަމަށާ އެ އަނިޔާތައް ދެމުން ގެންދަނީ އެމަނިކުފާނަކީ މި ސަރުކާރަށް ހުރި ބިރަކަށް ވުމުން ކަމަށެވެ.އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި ގައުމަށް ކޮށްދެވުނު ކަމެއް ނެތް ކަމަށާ އެމަނިކުފާނަކީ ރިޔާސީ ބަހުސްގައިވެސް ރައްޔިތުންނާ ކުރިމަތިލައްވަން ކެރިވަޑައިނުގެން ފިއްލެވި ބޭފުޅެއް ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ. ޝަހީދު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތަކީ ލައިވް ޓެލެކާސްޓުކޮށްގެން ކުރިއަށް ގެންދިޔަ ފުރަތަމަ ޝަރީއަތް ކަމަށާ އެ ޝަރީއަތުގައި ކަންވީ ގޮތް ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.އެގޮތުން އެމަނިކުފާނުގެ މައްޗަށް ނުހައްގުން އިއްވާފައިވާ ހުކުމާ އެމަނިކުފާނުގެ ޝަރީއަތުގައި ރިފާ ކުރިއިރު ނުވަތަ ހަވާލާ ދިން އިރު ނެތް ކަންކަން އެމަނިކުފާނަށް އުއްވި ހުކުމުގައި އޮތުމަކީ އެ ހުކުމާ މެދު އަދި ހުކުމް އިއްވި ގާޒީއަށް މައްސަލަ އެނގޭ ވަރާ މެދު ތުހުމަތުތަކެއް ކުރެވޭ ސަބަބެއް ކަމަށް ޝަހީދު ވިދާޅުވިއެވެ.ޝަހީދު މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ހުކުމުގައި އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމަށް ބެލެވޭ ކަމަށާ އެ ފައިސާ ދައުލަތާ ހަވާލުކުރަން އަންގާފައިވާނެ ކަމަށް އޭސިސީ އާ ހަވާލާދީ ހުކުމުގައި ބުނެފައިވަނިކޮށެވެ.ހުކުމުގައި އެފަދައިން އޮތް ނަމަވެސް ޝަރިަތް ކުރިއަށް ދިޔައިރު ދައުލަތުން ހުށަހެޅި އެއް ހެކި ކަމުގައިވާ އޭސިސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝިދުވެސް ވިދާޅުވެފައިވަނީ އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަމަށް އަދި ކަނޑައެޅިފައި ނުވާ ކަމަށާ އަދި އެ ފައިސާ ދައުލަތާ ހަވާލުކުރުމަށް އެދިފައިވެސް ނުވާނެ ކަމަށެވެ.ނަމަވެސް ރައީސް ޔާމިންގެ އިސްނެންގެވުމާއެކު ދެ ފަރާތުން އެއްބަސް ވެފައިވާނީ ފައިސާއާ މެދު ވަކި ގޮތެއް ނިމެންދެން އެކްސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން ކަމަށާ އަދި އެގޮތަށް ރައިސް ޔާމީން އަމަލުކުރައްވާފއިވާ ކަމަށެވެ.އެ ފައިސާއަކާ މެދު ގޮތެއް ނިންމިފައިވާ ނުވާ ފައިސާއަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ އެއް ނުކުރެވޭ ކަމަށާ އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް މި ސަރުކާރުން ކުރި މަނީ ލައުންޑަރިންގެ ދައުވާއަކީ ފެށުމުގައިވެސް ބާތިލު އެއްޗެއްގެ ގޮތުގައި ގާނޫނީ ގޮތުން ފުންނާބު އުސް އެތައް ބޭފުޅަކުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ