އިގްތިސާދީ ދާއިރާގެ މަޝްރޫއުތަކާ ގުޅޭގޮތުން ސައުދީއާއެކު މަޝްވަރާ ކޮށްފި

ރާއްޖޭގެ އުމްރާނީ، އިގްތިސާދީ ތަރައްގީގެ މަޝްރޫއުތަކާއި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ވިޔަފާރިޔާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކުރައްވާފައިވަނީ ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޑރ އިބްރާހީމް ބިން އަބްދުލްއަޒީޒް އާލް-އައްސާފާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ބޭއްވެވި ބައްދަލުވުމުގައެވެ.
އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އ.ދ. ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެގައުމުން ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާދާއި ޖިއްދާއާއި މާލެއާއި ދެމެދު ގާއިމްކޮށްފައިވާ ސީދާ ވައިގެ ގުޅުންތަކަށް އަލިއަޅުއްވާލައްވައި، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން، އަދި ޚާއްޞަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމާއި، ސައޫދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމާއި ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ވަނީ ދެގައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން ފާހަގަކުރައްވައި ކުރިޔަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކުން މިގުޅުން ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާއާއި، ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ