ސައޫދީ ވަލީ އަހުދުގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ގޮތުން މައުމޫން ބައިވެރިވެ ވަޑައިގެންފި

ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު ނާއިފް ބިން އަބްދުލްއަޒީޒްގެ ޖަނާޒާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ މަންދޫބެއްގެ ގޮތުން ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރާބިތަތުލް އާލަމިލް އިސްލާމީގެ ތައުސީސީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި މައުމޫން މިހާރު ވަޑައިގެން އުޅުއްވަނީ މައްކާގަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސައޫދީ ރަސްގެފާނާ މައުމޫން ބައްދަލުކުރައްވައި ރައީސް ވަހީދުގެ ފަރާތްޕުޅުން ހެޔޮ އެދުން އަރިސް ކުރެއްވި ކަމަށެވެ. މީގެ އިތުރުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ވަލީ އަހުދުގެ އާއިލާއަށް މައުމޫން ވަނީ ތައުޒިޔާ އަދާކުރައްވާފައި ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މައުމޫނާ ހަވާލާ ދެއްވައި ފޮރިން މިނިސްޓްރީން ބުނީ ވަލީ އަހުދަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި އަދި ދިވެހި ރައްޔިތުންނާ ވަރަށް ގާތްބޭފުޅެއް ކަމަށެވެ. އަދި ވަލީ އަހުދުގެ އެ ހިދުމަތްތައް ދުވަހަކު ވެސް ދިވެހިންގެ ހިތުން ހަނދާން ނުނެތޭނެ ކަމަށް ވެސް މައުމޫނާ ހަވާލާ ދެއްވައި ފޮރިން މިނިސްޓްރީން ބުންޏެވެ.
ސައޫދީގެ ވަލީ އަހުދު އަވަހާރަވީ، ސިއްހީ ފަރުވާ އަށް ސްވިޓްޒަލެންޑްގެ ޖެނީވާ އަށް ވަޑައިގެން އުޅުއްވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ