އަލީ ވަހީދާއި މަހްލޫފްގެ މައްޗަށް ކުރާ ދައުވާ މަޑުޖައްސާލަން އަމުރެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ
މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރާ ދައުވާ ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.މި އަމުރު ނެރެފައި ވަނީ އަލީ ވަހީދުގެ މައްޗަށް ކުރާ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން އޭނާ
ކްރިމިނަލް ކޯޓުގައި ނެންގެވި އިޖްރާއީ ނުކުތާގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް، މިފަދަ އަމުރަކަށް އެދުމާ ގުޅިގެންނެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު
ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ
ސަރަހައްދަކަށް ވަދެފައިވާތީ އެވެ. އެ މައްސަލައިގައި އަލީ ވަހީދުގެ
އިތުރުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ
މައްޗަށް ވެސް ދައުވާކުރެ އެވެ. އެހެންވެ މިއީ އެއް ގަޒިއްޔާއަށް ވުމާ އެކު، މަހްލޫފުގެ މައްޗަށް ކުރާ ދައުވާ ވެސް ހައި ކޯޓުގެ އަމުރާ ގުޅިގެން މަޑުޖައްސާލާނެ އެވެ. ހައި ކޯޓުން އަމުރުކޮށްފައި ވަނީ، އިޖުރާއީ ނުކުތާގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލަޔާ މެދު ގޮތެއް ނިންމަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ނުގެންގޮސް މަޑުކުރުމަށެވެ.
އަލީ ވަހީދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އިޖްރާއީ ނުކުތާ ނަގާފައި ވަނީ
ދައުވާއެއް ކޮށް، ފަހުން އަނބުރާ ގެންދިއުމަށް ފަހު އަލުން އެ ދައުވާ
ހުށަނޭޅޭނެ ކަމަށް ބުނެ އެވެ. އެ ނުކުތާ ނެގީ މި މައްސަލަ ކުރިން
ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ފަހު ދައުވާ އަނބުރާ ގެންގޮސްފައިވާތީ
އެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ
ނިންމެވީ އެގޮތަށް މައްސަލަ ހުށަހެޅިދާނެ ކަމަށެވެ.
ހައި ކޯޓުގައި އަލީ ވަހީދުގެ ފަރާތުން ބުނެފައި ވަނީ
ދައުވާއެއް އަނބުރާ ގެންދިއުމަށް ފަހު އެ ދައުވާއަށް އެއްވެސް ބަދަލެއް
ނުގެނެސް އަލުން ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. ނަމަވެސް ދައުލަތުން ބުނެފައި
ވަނީ އެ ދައުވާ ގެންދިޔައީ ވަގުތީ ގޮތުން ކަމަށާއި އެއީ ހަމަހަމަކަން
ގާއިމުކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި
އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަކީ ޕްރޮސިކިއުޓާ ޖެނެރަލަށް
ލިބިގެންވާ ބާރެއް ކަމަށް ވެސް ދައުލަތުން ހައި ކޯޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ