ރޭގެ މުޒާހަރާއާ ގުޅިގެން ފުލުހުން ހޯދާ މީހާގެ މައުލޫމާތު އާންމުކޮށްފި

ރޭ މާލޭގައި އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރޭގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި ހޯދުމަށް އިއުލާންކުރި މީހާގެ މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެރިކޭޑްތައް ފޫއަޅުވާލުމަށް ފަހު ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، ޗާނދަނީމަގާއި އޯކިޑް މަގު ގުޅުނު ކަންމަތީގައި ހުރި ސީސީޓީވީ ކެމެރާ އަށް ގެއްލުންދީ ހަލާކުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އެ މީހާ އަކީ އއ. އުކުޅަސް، ބީޗް ހައުސް ކާމިލް އިބްރާހިމް، 24 ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ވަނީ ކުރިން އޭނާ ހައްޔަރުކުރި އިރެއްގައި ނަގާފައިވާ މަގް ޝޮޓްތަކެއް އާންމުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އަކީ މަނާކޮށްފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި އެ ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓި ކަމަށް ސާބިތުވެ ހަ އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.
"އަދި ކާމިލް އިބްރާހިމަކީ 2013 މާޗް މަހުގެ 6 ވަނަ ދުވަހުގެ ވަގުތެއްގައި އދ. ކަނބުރުދޫ ކައިރިން ކަނޑުމަތީގައި އޮތް ތެޔޮ ބޯޓަކަށް އަރައި އެ ބޯޓުގައި ތިބި މީހުންނަށް ބިރުދައްކައި މާރާމާރީ ހިންގައި އިންޒާރު ދީފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގެ ތުހުމަތުގައި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެކެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ހޯދަމުންދާ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ނަންބަރު 9631696 ނުވަތަ ހޮޓްލައިން 3322111 އަށް ގުޅައި، މައުލޫމާތު ހިއްސާ ކުރުމަށް ފުލުސް އޮފީހުން ވަނީ އެދިފަ އެވެ. އޭނާގެ މައުލޫމާތު ހިއްސާކުރާ މީހުންނަށް ފުލުހުން ހިމާޔަތްދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރޭގެ މުޒާހަރާގައި ކާމިލް އަމަލުކޮށްފައިވާ ގޮތް ދައްކުވައިދޭ ވީޑިއޯއެއް ފުލުހުން ވަނީ އާއްމުކޮށްފަ އެވެ. އެއް މިނިޓާއި ހަ ސިކުންތުގެ ވީޑިއޯ އިން ފެންނަ ގޮތުން ޗާނދަނީ މަގާއި އޯކިޑުމަގު ގުޅުނު ކަންމަތީ ޕޭވްމަންޓުގެ ވަށައިގެން ޖަހާފައިވާ ދަގަނޑުތަކުގެ މައްޗަށް އެ މީހާ އަރައި، އޭނާގެ އަތުގައި އޮތް ލަކުޑިބުރިއަކުން ސީސީޓީވީ ކެމެރާގައި ވަރަށް ބާރަށް ޖަހަ އެވެ. އެވަގުތު، ކެމެރާގެ ބައެއް ނައްޓައިގެން ދާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
ވީޑިއޯގައި ދެން ހިމެނޭ މަންޒަރުން، އެ ސަރަހައްދުގައި ޖަހާފައިވާ ފުލުހުންގެ ބެރިކޭޑްގެ ތެރެއަށް އެ މީހާ ވަންނަ ތަން ފެނެ އެވެ. އެވަގުތު އެތަނުގައި ފޯރިމަރަން ހުރި ފުލުހަކު ބެރިކޭޑުން ބޭރަށް ނުކުތުމަށް އޭނާ އަށް އިރުޝާދު ދެ އެވެ. ނަމަވެސް، އޭނާ އަތުގައި އޮތް ލަކުޑިބުރި، ފުލުސް މީހާއާ ދިމާލަށް ދެތިން ފަހަރަކު މަޅާލެ އެވެ. އަދި އެވަގުތު އޭނާގެ ފަހަތުގައި ހެލްމެޓު އަޅައިގެން، ލަކުޑިބުރިތައް ހިފައިގެން ތިބި މީހުންގެ ތެރެއިން އެކަކު ބެރިކޭޑްގެ ތެރެއަށް ވަދެ އެވެ. އޭނާ ވެސް އެ ސަރަހައްދުން ދިޔަ އެހެން ފުލުހަކާ ދިމާލަށް އެތައް ފަހަރަކު ލަކުޑިބުރިއެއް މަޅާލާތަން ވީޑިއޯ އިން ފެނެ އެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަވަސްކުރުމަށް ގޮވާލައި އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ބައެއް ބައިވެރިން ލަކުޑިބުރި ފަދަ ތަކެތި ގެންގުޅެ، ގާނޫނާ ހިލާފު އަމަލުތައް ހިންގާފައިވާ ކަމަށާއި އެހެންވެ އެކަން ކުށްވެރިކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް )އެޗްއާރުސީއެމް( އިން ވެސް ރޭ ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ