ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު އެ ޕާޓީން ވަކިކުރި މައްސަލައިގައި އޭނާ ޑީއާރްޕީއާ ދެކޮޅަށް ކުރެއްވި ދައުވާ އަނބުރާ ގެންދަވައިފި އެވެ.
ޑީއާރްޕީއާ ދެކޮޅަށް 2010 ވަނަ އަހަރުގެ މެދުތެރޭގައި އުމަރު ކުރެއްވި ދައުވާގައި އޭނާ އެދިވަޑައިގެންފައި ވަނީ އޭނާ ޕާޓީން ވަކިކުރުމަށް ނިންމި ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
އުމަރު ދައުވާ ކުރެއްވި އެ މައްސަލަ ސިވިލް ކޯޓުގައި ހިނަގުމުން ދަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޑީއާރްޕީން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ އަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ޑީއާރްޕީން ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައި ވެއެވެ. ނަމަވެސް ހައިކޯޓުންް ވެސް ނިންމާފައި ވަނީ އުމަރު ހުށަހެޅުއްވި އެ މައްސަލަ އަކީ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.
ސަން އަށް ދެއްވި އިންޓަވިއު އެއްގައި އުމަރު މިއަދު ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދަވާފައި ވަނީ މިއަދުގެ ސިޔާސީ މާހައުލު އޮތްގޮތުން ޑީއާރުޕީ އަކީ ކުޑަކުޑަ ޕާޓީއަކަށް ވާތީ އެންމެ ސަޕޯޓު ބޮޑު ޕާޓީގެ ނައިބު ރައީސަކު ކުޑަ ޕާޓީއެއް ގޮވައިގެން އުޅުމަކީ ހަމަޖެހޭ އުސޫލަކަށް ނުވާތީ ކަމަށެވެ.
"އެ މައްސަލަ މިހާރު މިވަނީ މިއަދުގެ ސިޔާސީ މާހައުލާއި ބީރައްޓެހި މައްސަލައަކަށް ވެފައި. މިއަދުގެ ސިޔާސީ މާހައުލު މިހިރީ ބަދަލުވެފައި. ޑީއާރްޕީއަކީ ކުޑަކުޑަ ޕާޓީ އެއް. އެހެންވީމަ ކުޑަކުޑަ ޕާޓީއެއް ގޮވައިގެން ރާއްޖޭގައި އޮތް އެންމެ ސަޕޯޓް ބޮޑު ޕާޓީގެ ނައިބު ރައީސަކު އުޅުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އެ މައްސަލަ އަނބުރާ ގެންދިޔައީ،" އުމަރު ވިދާޅުވި އެވެ.
ޑީއާރުޕީއާ ދެކޮޅަށް އުމަރު ކުރި ދައުވާ އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ