ޖާބިރު ވަގުތީ ގޮތުން މިނިވަންކޮށް ދެވެން ނެތް ކަމަށް ކޯޓުން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް އިއްވާފައިވާ އެއް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ނިމެންދެން ޖާބިރު މިނިވަންކޮށްފައި ބެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރައްވާ ޖާބިރުގެ މައްޗަށް އެ ހުކުމް އައިސްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތުކުރެވިގެން ކުޑަކަމުދާތަކެތި ދޭން އެންގުމުން ނުދިން މައްސަލައިގަ އެވެ. އެ މައްސަލަ ޖާބިރުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ ނިމެންދެން ޖާބިރު ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ނުވަތަ އޭނާގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށް ދިނުމުގެ އަމުރެއް ނެރެ ދިނުމަށް ޖާބިރުގެ ފަރާތުން އިއްޔެ ވަނީ ހައި ކޯޓުގައި އެދިފަ އެވެ.
އެނގިފައިވާ ގޮތުގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.
ހައި ކޯޓުގެ ގަވާއިދުގެ ބުނާގޮތުން އެ ކޯޓުގައި މައްސަލަ ހިނގަމުންދާއިރު ޖަލު ހުކުމެއްގައިވާ މީހަކު ބަންދުން ދޫކޮށްފައި ބެހެއްޓުމުގެ ބާރު އެ ކޯޓަށް އޮވެ އެވެ. ނަމަވެސް އެއީ އާންމު އުސޫލުން އެ ކޯޓުން ކުރާ ކަމެއް ނޫނެވެ.
ބަންދުން ދޫކޮށް ދިނުމަށް ޖާބިރުގެ ފަރާތުން އެދިފައި ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ހައްގު އޭނާއަށް ގެއްލެމުންދާ ކަމަށް ބުނެއެވެ. ގާނޫނު އަސާސީ ބުނާގޮތުން ކެންޑިޑޭސީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގެއްލޭނީ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައުމުންނެވެ.
ބަނގުރާ ގެންގުޅުމުގެ ދައުވާއެއް ވެސް ދައުލަތުން ޖާބިރުގެ މައްޗަށް އުފުލަ އެވެ. ނަމަވެސް އެ މައްސަލަ ނިމުމަކާ ގާތަކަށް ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ