ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގައި ހިމެނިވަޑައިގަންނަވާ އިސް މަޖިލީސް މެންބަރުންތައް ސްރީލަންކާއަށް ވަޑައިގަތީ 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ކަމަށް ޕީޕީއެމްގެ ސެކްޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ލަންކާއަށް ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.
އެކަމާ ގުޅޭ ގޮތުން "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ ޕީޕީއެމްގެ ސީނިއާ މެންބަރުން ލަންކާއަށް ދިޔައީ އެ ގައުމުގައި ތިއްބަވާ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ 2018 ވަނަ އަހަރުގައި އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ކަމަށެވެ.
"މި އަހަރު ކުރީ ކޮޅުވެސް އަޅުގަނޑުމެން ޕާޓީގެ ޓީމެއް ލަންކާއަށް ގޮސް ކެމްޕެއިން ކުރެއްވި. ހަމަ އެގޮތަށް މި ފަހަރުވެސް ސީނިއާ މެންބަރުންތަކެއް އެ ދިޔައީ ސަޕޯޓަރުންނާ ބައްދަލު ކުރަން،" ހަލީލް ވިދާޅުވި އެވެ.
ޕީޕީއެމް ލީޑާޝިޕްގެ އެންމެ އިސްކޮށް ހުންނަވާ މެންބަރުން ކެމްޕެއިންއަށް ލަންކާއަށް ވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ 45 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. ސިޔާސީ މަސްރަހު މިހާ ހޫނުވެފައި އޮއްވާ ވަޑައިގަތީ ކީއްވެތޯ ސުވާލު ކުރެއްވުމުން ހަލީލް ވިދާޅުވީ މަސީހުގެ މައްސަލައަކީ ޕީޕީއެމް އިން މި ވަގުތު އެންމެ ބޮޑު އަހަންމިއްޔާތު ކަމެއް ދޭ މައްސަލަ ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ފޯކަސް އޮތީ އެންމެ ދިމާލަކަށް ނޫން ކަމަށާއި އެއަށް ވުރެ ދުރަށް ވިސްނައިގެން މަސައްކަތް ކުރައްވާ ކަމަށް ހަލީލް ވިދާޅުވި އެވެ.
މަޖިލީހުން މަސީހު ބޭރު ކުރުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފެށި ހިސާބުން ޕީޕީއެމްގެ ތެރެއިން 10 މެންބަރަކު ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށްފަ އެވެ. ނަމަވެސް އެ ޕާޓީން ބުނަމުން އަންނަނީ އެ ވޯޓު ނާކާމިޔާބުކޮށްލާނެ ކަމަށެވެ.
މެންބަރުން ލަންކާއަށް ދިޔައީ 2018 އަށް ކެމްޕެއިން ކުރަން: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ