ރެއިން ފެށިގެން ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެނީ

ރޭ މެންދަމު 1:15 އިން ފެށިގެން ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން އެކި ވަގުތު ތަކުގައި ކަރަންޓު ކެނޑެމުން އަންނަ ކަމަށް އެރަށުގެ ރައްޔިތުން ބުނެފިއެވެ.
ފުވައްމުލަކުން "ވަގުތު" އާއި ވާހަކަ ދެއްކި ބައެއް ރައްޔިތުން ބުނާގޮތުގައި އެރަށުގެ ރައްޔިތުން ރޭންސުރެ އުޅެނީ ވަރަށް ހާލުގައެވެ.
"ރޭ 1:15 އިން ފެށިގެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލާ އެކި ވަގުތު ތަކުގައި. މިއަދު މެންދުރު ފަހު އެއްކޮށް މުޅި ރަށުން ކަރަންޓު ކެނޑުނު. މިހާރުވެސް އެކި ސަރަހައްދު ތަކުން ކަރަންޓު ކަނޑާލާފަ ހުރީ" އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ ކަރަންޓު ދާ ސަބަބެއް ނޫނީ ކަރަންޓު ކެނޑޭ ސަބަބެއް ވެސް ރައްޔިތުންނާއި ހިއްސާ ކުރާނެ މީހެއް ފުވައްމުލަކު ފެނަކަ އޮފީހުގައިވެސް ނެތްކަމަށެވެ.
"މިރަށުގައިވެސް އެބަތިބި ބޮޑެތި ވިޔަފާރިތައް ކުރާ މީހުން އެމީހުންގެ ފިހާރަތަކުގައި ހުރި މަހާއި ކުކުޅު ފަދަ އެއްޗެހި އެހެރަ ހަލާކުވަނީ" ފުވައްމުކަލުން ވާހަކަ ދެއްކި ރައްޔިތަކު ބުންޏެވެ.
ފެނަކަ އޮފީހުގެ ފޯނަށް ޖަވާބު ނުދޭކަމަށް ފުވައްމުލަކު ރައްޔިތުން ބުނާއިރު، ފުވައްމުލަކު ފެނަކަ އަށް ގުޅަން "ވަގުތު" އިން ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އަދި ފުވައްމަލަކު ފެނަކަ އޮފީހުގެ އިސް ބޭފުޅުންގެ ފޯނުވެސް ނިއްވާލާފައި އޮތުމާއެކު އެއިން ބޭފުޅެއްގެ ކޮމެންޓް އެއް ލިބޭގޮތެއް ވަނީ ނުވެއެވެ.
އެރަށު ގިނަ ރައްޔިތުންގެ ޝަކުވާ އަކަށްވެފައިވަނީ ސަރުކާރުގެ އިސްފަރާތްތަކުން އުޅޭ ސަރަހައްދު ތަކުން ކަރަންޓު ނުކެނޑޭތީއެވެ.
ގޭގޭގައި ހޯދާފައި ހުންނަ ކަރަންޓު ސާމާނުތަކަށް ގެއްލުން ލިބުމާއި، މި ރޯދަމަހު ބޭނުންކުރަން ހޯދާފައި ހުރި ކާއެއްޗެހިތައްވެސް ހަލާކުވަމުން އަންނަކަމަށްވެސް އެރަށުން ވާހަކަދެއްކި ފަރާތެއް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ