ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ހ.ލޮބީ ހުސެއިން ހުމާމް މެރުމަށް ދަށު ކޯޓްތަކުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
މިރޭ 1:35 ހާއިރު ފެށިގެން ކުރިޔަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމީ ހުސައިން ހުމާން މަރަން ދަށު ކޯޓުތަކުން ކޮށްފައިވާ ހުކުމް ބާތިލުކުރަން ޖެހޭ ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިރޭ ސުޕްރީމްކޯޓުން ވަނީ ކްރިމިނަލް ކޯޓުން ހުމާމް މަރަން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށް ކުރި ހުކުމަކީ ޝަރުޢީ އަދި ޤާނޫނާއި އެއްގޮތަށް ކުރި ހުކުމެއް ކަމަށް ކަނޑައަޅާފައެވެ.
ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ ހުމާމް ކުށަށް އެއްބަސްވި އެއްބަސްވުމަކީ އަމިއްލަ ރުހުމާއި އިހްތިޔާރުގައި ހުރެ ވެފައިވާ އިއުތިރާފެއް ކަމަށް ބަލަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ދަށު ކޯޓާއި ހައި ކޯޓުން ހެކި ވަޒަންކޮށްފައިވަނީ ވެސް ރަނގަޅަށް ކަމަށާއި އަދި ހައި ކޯޓުގެ ހުުކުމް އިސްތިއުނާފް ކުރަން ހުމާމް އަމިއްލައަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނެތުމަކީ ވެސް އޭނާ ހައި ކޯޓުގެ ހުކުމް ގަބޫލުކުރާ ކަމުގެ ދަލީލެއް ކަމަށް ވެސް ޙުކުމުގައި ބުނެފައި ވެއެވެ.
އަފްރާޝީމްގެ ވާރިސުންގެ ގޮތުގައި ބާލިޣުނުވާ ކުދިން ތިބުމުގެ އެ ކުދިންގެ ފަރާތުން މަރަށް މަރު ހިފުމާ މެދު އެއްޗެއް ނުބުނަނީސް ހުމާމަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ހުމާމްގެ ފަރާތުން ފާހަގަކޮށްފައި ވިޔަސް ޙުކުމުގައި ބުނެފައިވާ ގޮތުގައި ބާލިޣުނުވާ ކުޑަކުދިން ބޮޑު ވަންދެން މަޑުކުރަން ނުޖެހޭނެ ކަމަށް އިސްލާމީ އެކި މަޒްހަބްތަކުގައި ބަލަމުން އަންނަ ކަމަށެވެ. ވާރިސުންގެ ގޮތުގައި ތިބި ބާލިޣުނުވާ ކުދިންގެ ހައްގުގައި ބާލިޣުވެފައި ތިބި ވާރިސުންނަށް ބަސް ބުނެވޭ ކަން ޙުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
ހުމާމް މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން އިއްޔެ ވަނީ ނިންމާފައެވެ.
އަޑުއެހުންތައް ނިންމާލުމުގެ ކުރިން ހުމާމަށް އެއްޗެއް ބުނުމުގެ ފުރުސަތު ދީފައިވާއިރު ޝަރީއަތުގައި އޭނާ ބުނީ މީހެއްގެ މައްޗަށް ކުށެއް ސާބިތުވާނީ އެމީހަކު ކުށް ކުރާތަން ދެމީހެއްގެ ލޮލަށް ފެނިގެން ހެކިބަސް ދިނުމުން ކަމަށާއި އޭގެ އިތުރުން ހަތިމުގައި އަތްލައި ހުވާކުރުމުން ކަމަށެވެ. އަދި ބޭއިންސާފުން ހުކުމް އިއްވާ ފަނޑިޔާރުންނަށް ނުބައި ޖަޒާ ލިބޭނެ ކަމަށް އޭނާ ބުންޏެވެ.
ހުމާމްގެ ވަކީލް އަބްދުﷲ ހަސީން ޝަރީއަތުގައި ވިދާޅުވީ ޑރ.އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އެއްބަސްވީ ބިރު ދެއްކުމުން ކަމަށާއި ހުމާމް އެއްބަސްވި އިރު ހުމާމްގެ ނަފްސާނީ ހާލަތު ހުރި ގޮތް ބަލާފައި ނެތްކަމަށެވެ. އޭނާ ވަނީ ހުމާމްގެ ނަފްސާނީ ޓެސްޓް ހަދަން ޑޮކްޓަރުން ލަފާ ދިންކަމުގެ ލިޔުންތައް ޝަރީއަތަށް ހުށަހެޅުމަށް ފަހު، ނަފްސާނީ މައްސަލަ ހުރުމުގެ ސަބަބުން މަރުގެ އަދަބުން ސަލާމަތްވި އެމެރިކާގެ ތިން މީހެއްގެ މައްސަލައާއި ގުޅޭ މައުލޫމާތު ޝަރިއާތުގައި ކިޔައިދީފައެވެ.
އެހެން ނަމަވެސް މީގެ ކުރިން ހައިކޯޓުގައި ހުމާމު އޭނާގެ މައްޗަށް ކުރެވޭ ދައުވާއަށް އިއުތިރާފް ވެފައިވާއިރު އެއްވެސް މަޖުބޫރުކަމެއް ނެތި ޤާޒީއެއްގެ ކުރިމަތީގައި ވެވޭ އިއުތިރާފުން ރުޖޫޢަ ނުވެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވެފައިވާކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރައްވާފައެވެ.
ކްރިމިނަލް ކޯޓުން ހުމާމް މަރަން ހުކުމް ކޮށްފައި ވަނީ 2014 ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގައެވެ. ހައިކޯޓުން އެ ހުކުމަށް ތާއީދުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށެވެ.
ސުޕްރީމް ކޯޓުން، ހުމާމް މަރަން ޖެހޭކަމަށް މިރޭ ހުކުމް ކޮށްފައިވާއިރު، ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ ވިދާޅުވެފައިވަނީ މަރަށް މަރު ހިފުމަށް އެއްވެސް ވާރިސަކު ދެކޮޅު ނަމަ، އިސްލާމީ ޝަރީޢަތުގައި މަރަށް މަރު ނުހިފޭނެކަމަށެވެ.
ހުމާމް މެރުމަށް ކޮށްފައިވާ ޙުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ