ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016″ އެވޯޑު ލިބިވަޑައިގެންނެވުމުން އެއެވޯޑާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރޭ މާލެ ވަޑައިގެންނެވުމުން، ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށް ރައީސް ޔާމީން ޝުކުރު އަދާކުރައްވައިފިއެވެ.
ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ރައީސް ޔާމީން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ހުރިހާ އުމުރުފުރާއެއްގެ ރައްޔިތުން ރޭ ދެންނެވި މަރުހަބާގެ ސަބަބުން ހިތްޕުޅަށް ވަރަށް ބޮޑު އުފާވެރިކަމެއް އައި ކަމަށެވެ. އަދި މިކަމުން އެނގިގެންދަނީ، ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންތައްތަށް ރައްޔިތުން ބަލައިގަންނަކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރަށް ލިބޭ މިފަދަ ކާމިޔާބީތަކުގެ އަގު ރައްޔިތުން ވަޒަންކުރުމަކީ، ކުރިއަށް ދިޔުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށާއި، ދިވެހި ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތު ރަނގަޅުކޮށް، އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން ހުރިހާ ރައްޔިތުންނަށް އުއްމީދު ގެނެސްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ، އިގްތިސާދީ ކުރިއެރުން ގެނައުމަށާއި އަދި ރައްޔިތުންނަށް ތަރައްގީ ގެނައުމަށް ވެފައިވާ ވައުދު ފުއްދަވާނެ ކަމަށްވެސް، ވިދާޅުވެފައެވެ.
މި ބަޔާނުގައި ރައީސް ޔާމީން ވަނީ، އެމަނިކުފާނަށް މި އެވޯޑު ދިން ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އަށާއި ޓްރިވެންޑްރަމްގެ ރައްޔިތުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޔާމީންއަށް މަރުހަބާ ރޭ ދެންނެވީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ބައެއް މަޖިލިސް މެންބަރުންނައި ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުންނާ ކުންފުނިތަކުގެ އިސްވެރިންނާއި، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި، ދަޢުލަތަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނާއި، ސްކޫލް ދަރިވަރުންގެ އިތުރުން ޢާންމުންގެ ގިނަ ޢަދަދެއްގެ މީހުންނެވެ.
ރައްޔިތުން ރޭ ދެންނެވި ހޫނު މަރުހަބާއަށް ރައީސް ޝުކުރު އަދާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ