ޝުމްބާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި

ސްރީލަންކާއިން ހައްޔަރުކޮށްގެން މިއަދު ރާއްޖެ ގެނައި ޅ. ހިންނަވަރު، ނައިލޯނުގެ، އަހްމަދު އަޝްރަފްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފި އެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ލަންކާއިން އަޝްރަފް ހައްޔަރުކޮށްގެން ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
އަޝްރަފް ބޮޑަށް މަޝްހޫރީ ޝުމްބާގޮންގގެ ނަމުގަ އެވެ. ނައިބް ރައީސް އަހްމަދު އަދީބްގެ ގާތް މީހެއް ކަމުގައިވާ އަޝްރަފަކީ ސޯޝަލް މީޑިއާ އެކްޓިވިސްޓެކެވެ.
އަޝްރަފް ހައްޔަރުކުރުމުގެ ކުރިން ނައިބް ރައީސް އަހްމަދު އަދީބް ހައްޔަރުކުރި ދުވަހުން ފެށިގެން އޭނާ ގެންދަނީ ސޯޝަލް މީޑިއާގައި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ވަރަށް ބޮޑެތި ތުހުމަތުތަކެއް އޭނާ ވަނީ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ކޮށްފަ އެވެ.
އަޝްރަފް ހައްޔަރުކޮށްފައި މިވަނީ ލޯންޗްކޮޅު ގޮއްވާލުމުގެ ތުހުމަތުގައި ހޯދަމުންދާ އަށް މީހުން މިހާރުން މިހާރަށް ރާއްޖެއަށް އައުމަށް ނެޝަނަލް އިންކުއަރީ ކޮމިޝަނުން އަންގާފައިވަނިކޮށެވެ. ކޮމިޝަންގެ ކޯ ޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ހޯދަން އިއުލާން ކުރި އަށް މީހުން ތިބީ ތައިލެންޑާއި ސްރީލަންކާގައާއި އަވަށްޓެރި ގައުމުތަކުގައި ކަަމަށްވާތީ އެމީހުން ރާއްޖެ އައުމަށް ލަސްވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މި މީހުން ރާއްޖެ ނައިސްފިނަމަ އިންޓަޕޯލް މެދުވެރިކޮށް މި މީހުން ހޯދާ ރާއްޖެއަށް ގެންނާނެ ކަމުގައިވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ