އިންޑިއާ އެމްބަސީން ރާއްޖޭގައި ސިއްހީ ދާއިރާގެ އެކްސްޕޯއެއް ބާއްވަނީ

"އިންޑިއާ - މޯލްޑިވްސް ހެލްތް އެންޑް ވެލްނެސް ވީކް" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނިންމައިފި އެވެ.
ހޮޓެލް ޖެންގައި މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އޭ. އަމަރްނާތު ވިދާޅުވީ ދަރުބާރުގޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މިއެކްސްޕޯގައި އިންޑިއާގެ އެންމެ ބޮޑެތި ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ 18 ހޮސްޕިޓަލަކުން 20 ސްޕަސްޕެޝަލިސްޓް ޑޮކްޓަރުން ބައިވެރިވާނެ ކަމަށެވެ.
"މިބޭފުޅުން އެތަންތަނުން ލިބެންހުރި ހިދުަމްތަކުގެ މައުލޫމާތު ހިއްސާކުރާނެ. އަދި އެޕޮއިންޓްމަންޓް ހަދަން ބޭނުންވާ ފަރާތްތަކަށް ވަގުތުން އެކަން ހަމަޖެހޭނެ. އަދި އެކްސްޕޯގައި ބައިވެރިވާ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދުމަށް އަގުހެޔޮ ޕެކޭޖްތަކެއްވެސް ލިބޭނެ. ހިދުމަތްތަކުގެ އިތުރުން މިއެކްސްޕޯގައި ބައިވެރިވާ އިންޑިއާގެ ފަރާތްތަކާއި ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާ ބައްދަލުވުންތައްވެސް ކުރިއަށްދާނެ،" އަމަރްނާތު ވިދާޅުވި އެވެ.
މި އެކްސްޕޯގައި ބައިވެރިވާ ހޮސްޕިޓަލްތަކުގެ ތެރޭގައި ޑރ. ޕްރަސަނަން ސެންޓަރ ފޮރ ޕްރޮކްޓޮލޮޖީ، ބަސަވަންތަރަމް އިންޑިއާ އެމެރިކަން ކެންސަ ސެންޓަރ، އެސްޓެރ މެޑިސޓީ، ރާޖަން ޑެންޓަލް އިންސްޓިޓިޔުޓް، އަމްރީތާ އިންސްޓިޓިޔުޓް، ނަރަޔަން ހެލްތް ޕްރައިވެޓް ލިމިޓެޑް، ކިމްސް ހޮސްޕިޓަލް، ކޮލަމްބިއާ އޭސިއާ، އޮޕޯލޯ ހޮސްޕިޓަލްސް، ކަޑުވެރީ ހޮސްޕިޓަލްސް، އަގަރްވާލް އައި ހޮސްޕިޓަލް، އަނަންތަޕުރަމް ހޮސްޕިޓަލް، މަނިޕާލް ހެލްތް އެންޓަރޕްރައިޒަސް، މަލަތީ ހޮސްޕިޓަލް، ލައިފްލައިން ހޮސްޕިޓަލްސް، ގަންގާ މެޑިކަލްސެންޓަރ އެންޑް ހޮސްޕިޓަލްސް، ބީޖީއެސް ގްލޯބަލް ހޮސްޕިޓަލްސް ހިމެނެ އެވެ.
އަމަރުނާތު ވިދާޅުވީ ސިއްހީ ދާއިރާއިން ކުރީގައި މަޝްވަރާތައް ކުރެވެމުން އައީ ދެ ސަރުކާރުގެ ދެމެދުގައި ނަމަވެސް ފަހަކަށް އައިސް އެކަން ބަދަލުވެ ދިވެހި ސަރުކާރުން ގެންދަނީ އިންޑިއާގެ އަމިއްލަ ފަރާތްތަކާއިއެކުވެސް މަޝްވަރާކުރަމުން ކަމަށެވެ. އެހެންކަމުން މިފަދަ ބައްދަލުވުންތަކެއްގެ ފައިދާ ހުރިހާ ފަރާތްތަކަށްވެސް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މި އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ