2018 ވަނަ އަހަރު ވޯޓުލާން ދާނީ ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖްމަތިން: މިނިސްޓަރު ޒަމީރު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައްޔިތުން ވޯޓްލާން ދާނީ ޗައިނާ މޯލްޑިވްސް ފްރެބްޑްޝިޕް ބްރިޖް މަތިން ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި "ހަބޭސް 3" ގެ ނަމުގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން މޫސާ ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފަހު ރާއްޖޭގެ ވެރިކަމަށް ދެން އަންނަ ސަރުކާރަކުން ރާއްޖޭގެ ތަރައްގީ އަޅާ ކިޔާއިރު އެކަން ކުރަން ޖެހޭނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އަށް ގެނެސްދޭ ތަރައްގީއާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ފެންނަ ހިސާބުގައި ވެސް އަދި ރައްޔިތުންނަށް ނުފެންނަ ހިސާބުގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑު ތަރައްގީ އެއް ގެނެސް ދިނީ އަދި ގެނެސް ދޭނީ ވެސް ރައީސް ޔާމީން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ ބައިނައްލަޢުވާމީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެ އަށް ހޯދުން ކަމަށެވެ. އެގޮތުން އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރުމަށް އެސްއީޒެޑްގެ ނަމުގައި ގާނޫނެއް ފާސްކުރެވުނު ކަމަށާއި އޭގެ ސަބަބުން އެތައް އިންވެސްޓަރުންގެ އިތުބާރު ރާއްޖެ އަށް ލިބި އެތައް ސަތާކަ އިންވެސްޓްމަންޓް ވޭތުވެދިޔަ ތިން އަހަހަރުގެ ތެރޭގައި ރާއްޖެ އަށް އައިސްފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ރައީސް އަބްދﷲ ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން އަލަށް 22 ރިސޯޓެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން އެތައް ހާސް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން އަކީ ވަޢުދު ފުއްދަވާ ބޭފުޅެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކމަށް ވަޑައިގަތުމުގެ ކުރިން އިންޑިއާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާ އާބިޓްރޭޝަން އިން ނިންމާ ގޮތެއްގެ މަތިން ޖީއެމްއާރުގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށާއި އަދި އެ ވަޢުދާއެއްގޮތަށް ޖީއެމްއާރުގެ މައްސަލަ ހައްލު ކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރުސީގެ މައްސަލަ ކަމަށާއި އަދި އެކަމަމުގައި ޝާމިލްވާ މީހުންނަށް ވެސް ޝަރުއީ ދާއިރާގެ ތެރެއިން އަދަބު ދެވިފައިވާ ކަމަށާއި އަދި ގެއްލުނު ފައިސާގެ ތެރެއިން ބޮޑުބައެއް ލިބުމުގެ މަގުމަތީގައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ