ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިނާމު ދިނުން މިމަހުގެ 26 ގައި

ޤައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުމުގެ ޖަލްސާ މިމަހުގެ 26 ބޭއްވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދިވެހި ދައުލަތުން މި އަހަރު ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ބާއްވަވާ ރަސްމީ ޖަލްސާ، މި މަހުގެ 26 ވާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސަވާފައިވާކަމަށެވެ. މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާ ބާއްވަވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެންކަމަށާއި، މި ޖަލްސާގައި ދެއްވާ އިނާމުތަކުގެ ތެރޭގައި، ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ބާއްވަވާ މި ޖަލްސާ އިންތިޒާމު ކުރައްވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުންނެވެ. އަދި މި ޖަލްސާގެ ކަންތައްތައް ރާއްވަވަމުން ގެންދަވަނީ، އެޗް.ޕީ.އޭ.ގެ އިރުޝާދާއެކު ކޯވިޑުގެ ޙާލަތާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އެހެންކަމުން، ޖަލްސާއަށް ދަޢުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށްވުރެ މި އަހަރު މަދުވާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބަ އާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމަޢަށް ކުރާ ފައިދާ ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. މިއަހަރުގެ ޤައުމީ އިނާމަށް 94 ފޯމު ހުށަހަޅާފައިވާކަމުގައި ޤައުމީ އިނާމާބެހޭ ކޮމިޓީން ހާމަކުރައްވާފައިވެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. މި އިނާމަށް މިފަހަރު 57 ފޯމު ހުށަހަޅާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ