ޑިއާޒް ގޮސްފިނަމަ ލިވަޕޫލުން ރޮޑްރީގޯ އަށް ބިޑްކޮށްފާނެ: ރިޕޯޓް ޑިއާޒް ގޮސްފިނަމަ ލިވަޕޫލުން ރޮޑްރީގޯ އަށް ބިޑްކޮށްފާނެ: ރިޕޯޓް

ލިވަޕޫލް (ޖުލައި 11) - ލިވަޕޫލަށް ކުޅޭ ކޮލަމްބިއާ ގައުމީ ޓީމުގެ ފޯވާޑް، ލުއިސް ޑިއާޒް އެ ޓީމު ދޫކޮށްލައިފިނަމަ، ލިވަޕޫލުން ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި، ރޮޑްރީގޯ އަށް ބިޑްކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޑިއާޒް، 28، ލިވަޕޫލާ އެކު، ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ.
ޖަރުމަނުގެ ނޫހެއް ކަމަށްވާ ބިލްޑް އިން ރިޕޯޓްކުރާ ގޮތުގައި ޑިއާޒް ވަނީ، ބަޔާނަށް ބަދަލުވާން އަނގަބަހުން އެއްބަސްވެފަ އެވެ. ބާސެލޯނާ އިން ވެސް އަންނަނީ ޑިއާޒް ގަންނަން ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
އެކަމަކު، ލިވަޕޫލުން ޑިއާޒް ވިއްކަން ކިޔާ އަގު 90 މިލިއަން ޑޮލަރަށް ވުރެ ކުޑަކުރަން އެ ކްލަބުން އެއްބަހެއްނުވާއިރު، ބަޔާނާއި ބާސެލޯނާ އިން ވެސް އެ ވަރުގެ ބިޑެއް ކުރުމުގެ ފުރުސަތު މި ވަގުތަށް ބަލާއިރު ފެންނަނީ ކުޑަކޮށެވެ.
ލިވަޕޫލާ އެކު، މުސްތަގުބަލާ ގުޅޭ މުހިންމު ބައްދަލުވުމެއް މި ހަފްތާ ތެރޭގައި ޑިއާޒް ކުރިއަށްގެންދާނެ އެވެ. އެ ބައްދަލުވުމުގައި، ޑިއާޒް ބޭނުންވާ ގޮތަށް ލިވަޕޫލްގެ ކޮންޓްރެކްޓް އާ ނުކުރެވިއްޖެނަމަ، ރަސްމީކޮށް ކްލަބް ދޫކޮށްލަން އޭނާ ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕޯޓޯ އަށް ކުރިން ކުޅުނު ޑިއާޒް ލިވަޕޫލް ދޫކޮށްލައިފިނަމަ، އެ ޓީމުން ބިޑްކުރާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި، ނިއުކާސަލް ޔުނައިޓެޑްގެ އެންތަނީ ގޯޑަންގެ އިތުރުން، ރެއާލްގެ ރޮޑްރީގޯ ހިމެނެ އެވެ.
މީގެ ތެރެއިން، ރޮޑްރީގޯ އަށް ލިވަޕޫލުން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިނުވި ނަމަވެސް، ޑިއާޒް ގޮސްފިނަމަ، އެ ރޭހަށް ލިވަޕޫލުން ވަންނާނެ ކަމަށް ސްޕެއިނުގެ ނޫސްތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. ރެއާލުން ވަނީ ރޮޑްރީގޯ އަކީ އެ ޓީމުގެ ޕްލޭނުގައި ނެތް ކުޅުންތެރިއެއް ކަމަށް ބުނަމުންނެވެ.
ރޮޑްރީގޯ، މި ވަގުތު ރެއާލާ އެކު، ހަދާފައިވާ އެއްބަސްވުން އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބްރެޒިލްގެ ސަންޓޯސް އިން 2019 ވަނަ އަހަރު ރޮޑްރީގޯ، ރެއާލަށް ބަދަލުވީ، ޖުމްލަ އެކު، 40 މިލިއަން ޑޮލަރު ދައްކަން ޖެހުނު ޑީލެއްގެ ދަށުންނެވެ. ރޮޑްރީގޯ ވަނީ ރެއާލަށް ކުޅެދިން 267 މެޗުން، 68 ލަނޑު ޖަހައި، 50 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.
މި ފަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޮޑްރީގޯ އަށް ގިނަ މެޗުތަކުގައި ކުޅުމުގެ ފުރުސަތު ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ