ކުރިއަށް އޮތް ދެ ދުވަހު މެދުރާއްޖެއަށް މޫސުން ގޯސް

ކުރިއަށް އޮތް ދެ ދުވަހަކީ މެދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ދެ ދުވަސްކަމަށް މޯލްޑިވިްސް މީޓިއޮރޯލޮޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ. މެޓް އޮފީހުން ބުނެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދު ސަރަހައްދުތަކަށް މިރޭގެ އެކި ވަގުތުތަކުގައި ވައިގަދަވެ ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާއިރު މެދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އާންމުކޮށްވެސް އެ ސަރަހައްދުތަކަށް ކަނޑު ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނާގޮތުގައި މާދަމާގެ އެކި ވަގުތުތަކުގައިވެސް މެދުރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރާ ކުރާނެއެވެ. އަދި ހުކުރު ދުވަހު އަނެއްކާވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މިއަދު ހެނދުނުން ފެށިގެން މެދުރާއްޖޭގެ އެކި ސަަރަހައްދުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. އަދި ހެނދުނުން ފެށިގެން މާލެއަށްވެސް ވިއްސާރަކުރަމުންދާއިރު ބޯކޮށް ވާރޭ ވެހެމުން ދެއެވެ. އެއާއެކު މާލޭގެ އެކި ސަރަހައްދުގައި މިހާރު ވަނީ ފެންބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ