ލަންކާއިން ސްކޫލް ކުދިންނަށް ހިލޭ ޕެޑު ދެނީ

ކޮލަމްބޯ (ޖެނުއަރީ 3): ސްރީލަންކާގެ ސަރުކާރުން ދަނީ ސްކޫލް ކުދިންނަށް ހިލޭ ޕެޑު ދިނުމާ ބެހޭ ގޮތުން ވިސްނަމުން ކަމަށް އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގެ މަސްދަރުތަކާ ހަވާލާދީ ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ. ލަންކާގެ ނިއުސްސެންޓާއިން ރިޕޯޓު ކުރި ގޮތުގައި އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ހެދި ސާވޭއަކުން ދެއްކި ގޮތުގައި، ކޮންމެ މަހަކު އެގައުމުގެ ގާތްގަނޑަކަށް 1.2 މިލިއަން އަންހެން ކުދިން މައްސަރު ދުވަސްވަރާ ދިމާކޮށް ސްކޫލަށް ހާޒިރު ނުވެވެ އެވެ. އަދި ކުޑަ އާމްދަނީއެއް ލިބޭ އާއިލާތަކާއި ސިޓީތަކާ ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ގަނެވޭ ވަރަށް ވުރެ ސެނިޓަރީ އުފެއްދުންތައް އަގުބޮޑުވުމުން 65 ޕަސެންޓަށް ވުރެ ގިނަ ސްކޫލް ކުދިން އެންމެ އެކަށީގެންވާ ބާވަތްތަކުގެ ސެނިޓަރީ އުފެއްދުންތައް ބޭނުން ނުކުރެ އެވެ. އެހެންކަމުން އެއީ އަންހެން ކުދިންގެ ތައުލީމަށް ހުރަސް އެޅޭ ކަމަކަށް ވާތީ އެޑިއުކޭޝަން މިނިސްޓްރީން ދަނީ ގްރޭޑް ހަޔަކުން ފެށިގެން މަތީ ގްރޭޑުތަކުގައި ކިޔަވާ ކުދިންނަށް ހިލޭ ޕެޑު ފޯރުކޮށްދިނުމަށް ވިސްނަމުން ކަމަށާއި އެކަމާ ބެހޭ ޕްރޮޕޯޒަލްއެއް ވަރަށް އަވަހަށް ކެބިނެޓަށް ފޮނުވާނެ ކަމަށް ބެލެވޭ ކަމަށް އެ މަސްދަރުތަކުން ނިއުސްސެންޓާއަށް މައުލޫމާތު ދިނެވެ. ލަންކާގައި ގިނަ އަދަދެއްގެ އަންހެނުންނަށް ޕެޑު ލިބުން ދަތިވާ ސަަބަބުތަކުގެ ތެރޭގައި ޕެޑުން ނަގާ ޓެކުހާއި އޭގެ އަގު ބޮޑުވުން ހިމެނެ އެވެ. އެގޮތުން ސެޕްޓެމްބަރު 2018އާ ޖެހެންދެން އެގައުމަށް އިމްޕޯޓު ކުރާ ޕެޑުން ނަގާ ޓެކްސްގެ މިންވަރު ހުރީ 101.2 ޕަސެންޓުގަ އެވެ. އޭގެ ސަބަބުން ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވުމާ ގުޅިގެން ޕެޑުން ނަގާ ޓެކުހުން ސެސް ޓެކްސް އުވާލާ، އެހެން ބައެއް އިސްލާހުތައް ގެނައުމުން އެ އަދަދު 52 ޕަސެންޓަށް ތިރިވި އެވެ. ނަމަވެސް އެގައުމުން މި އަހަރަށް ކަނޑައެޅި ބަޖެޓުގައި އަނެއްކާވެސް ޕެޑުން ނަގާ ޓެކުހުގެ ތެރޭގައި ސެސް ޓެކްސް ހިމަނަން ނިންމުމުން ގިނަ އަދަދެއްގެ މީހުން ވަނީ އެ ޓެކްސް ކުޑަ ކުރުމަށް ނުވަތަ އުވާލުމަށް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ