ކުޑަހުވަަދޫ މެޗު ލިބުމުން ހުރާ އަށް ރީޖަން ލީގު ޗެމްޕިއަންކަމާއި ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގެ ޖާގައެއް

އެފްއޭއެމް ރީޖަނަލް ލީގުގެ ސެންޓްރަލް ރީޖަންގައި ދ. ކުޑަހުވަދޫއާ ދެކޮޅަށް ކުޅުނު އެންމެ ފަހު މެޗު ކ. ހުރާ އަށް ލިބުމާ އެކު، އެ ޓީމަށް މި ރީޖަންގެ ޗެމްޕިއަންކަމާ އެކު، ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ ޖާގައެއް ކަށަވަރުވެއްޖެ އެވެ. 
ފަހު މެޗަށް ނުކުތްއިރު، ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތީ ކުޑަހުވަދޫ އާއި ހުރާ އަށެވެ. ހުރާ އަށް އެއްވަރުކޮށްލައިގެން ވެސް ޗެމްޕިއަންކަން ހޯދެން އޮތް މެޗު، ކުޑަހުވަދޫން ވަނީ 4-1 އިން މޮޅުވެފަ އެވެ.
އެކަމަކު، އެ މެޗު ނިމުނު ފަހުން، އެފްއޭއެމް އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ބޭނުންކުރުމުގެ ހުއްދަ ނެތް ކުޅުންތެރިން ބޭނުންކޮށްފައިވާތީވެ، އެފްއޭއެމް ކޮމްޕެޓިޝަން ކޮމިޓީން އެ މެޗާ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. .
 އެ ގޮތުން، އެފްއޭއެމް އިން އެ މައްސަލަ ބެލުމަށް ފަހު، މުބާރާތުގެ ގަވާއިދަކާ ހިލާފަށް ކުޑަހުވަދޫން ދެ ކުޅުންތެރިން ބޭނުންކޮށްފައިވާތީވެ، ގަވާއިދުގައި ހުރި ކަންކަމަށް ބަލައި، ހުރާ އަށް 2-0 އިން މެޗު ލިބުނީ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެއާ އެކު، ސެންޓްރަލް ލީގުގެ ތާވަލުގެ އެއް ވަނަ ހުރާ އަށް ލިބުނީ، ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މި ވަގުތު ކުޑަހުވަދޫ އޮތީ ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.
އެފްއޭއެމް އިން ބުނީ މި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށެެވެ. 
ސެންޓަރަލް ލީގުގެ ތިން ވަނައިގައި އޮތް ދ. މީދޫ އަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އދ. މަހިބަދޫ ފުލުގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. މީދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް މަހިބަދޫ އަށް ދަތުރުނުކުރެވޭތީ އެ މެޗު ވަނީ ފަސްކޮށްފަ އެވެ. 
ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ފުރަތަމަ ޑިވިޝަނުގައި ދެހާހުގެ ކުރީކޮޅުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރި ހުރާގެ އިތުރުން، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުން ޖާގަ ހޯދި އަނެއް ޓީމަކީ، މެޗަކުން ބަލިނުވެ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދި، ހއ. ދިއްދޫ އެވެ. 
ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑެއް އެކުލަވާލާފައިވާ ގޮތުން ވަނީ ހަތަރު ރީޖަން އަކަށް ބެހިފަ އެވެ. އެ ގޮތުން، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އަށް ބަހާލައިފައިވާއިރު، މާލެ ރީޖަނަކީ ކުރީގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާެރާތެެވެ. 
މާލެ ރީޖަނުގެ ޗެމްޕިއަނުންގެ ގޮތުގައި ބިސް ބުރު ސްޕޯޓްސް އިން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނެ އެވެ، އަދި، ނޯތު ރީޖަނުން ލިބޭ ޖާގަ ދިއްދޫން ހޯދިއިރު، ސެންޓްރަލް ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހުރާ އަށް މި ވަނީ ލިބިފަ އެވެ. ދެން، ދިވެހި ލީގުގެ ކޮލިފިކޭޝަންގެ ފަހު ޖާގަ ލިބޭނީ ސައުތު ރީޖަނަލް ލީގުގެ ޗެމްޕިއަނަށެވެ.
ރީޖަންތަކުގެ ޗެމްޕިއަނުންގެ އިތުރުން ދެން ކޮލިފިކޭޝަންގައި ކުޅޭނީ ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް، ދިވެހި ޕްރިމިއާ ލީގު 26/27 ސީޒަނުން ޖާގަ ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ