ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައްޔިތުން މަޖިލިސް ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ވޯޓްދިނީ ރައީސް ޔާމީންގެ އަޅަކަށްވާން ނޫންކަމަށް، ވިލިނގިލީ ދާއިރާގެ މެމްބަރ ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ގއ. ވިލިނގިލީގައި ބުރާސްފަތި ދުވަހުރޭ ބޭއްވި "ޖަޒީރާރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައުދު ހުސައިން ވިދާޅުވީ، ރައްޔިތުން ވޯޓްދިނީ ރައީސް ޔާމީން ވިދާޅުވީމާ ވިދާޅުވާގޮތަށް، ޔާމީންގެ ގާތުގައި އަޅަވެގެން އޮންނަން ނޫން ކަމަށެވެ.
ސައުދު ހުސައިން ވިދާޅުވީ، ވިލިނގިލީ ރައްޔިތުން އޭނާއަށް ވޯޓްދިނީ ރައީސް ޔާމީން ވިދާޅުވެގެން ނޫންކަމަށާއި، ރައްޔިތުން އޭނާއަށް ވޯޓްދިނީ، ރައްޔިތުން ރައީސް މައުމޫނަށް ތާއީދުކުރާތީ އަދި އޭރު ޕީޕީއެމް ސަރުކާރުގައި އޮތުމުން ކަމަށެވެ.
ސައުދު ހުސައިން ވިދާޅުވީ، މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންފަހުން، އޭނާ އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންގެ އިހްސާސްތަކާއި އަދި ސަރުކާރު އިންތިޚާބު ކުރުމަށްޓަކައި ރައްޔިތުންގެ ކައިރީގައި ވެރިން ދެއްކެވި ވާހަކަތަކާއި، ރައްޔިތުންނާ ހަމަށް ގެންދިޔަ މެނިފެސްޓޯއަށް ވެގެންދިޔަގޮތް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށެވެ. މިސަރުކާރުގެ ތެރޭގައި ވެރިން ކަންކަން ކުރައްވަމުން ގެންދެވިގޮތް އެންމެ ގާތުން ފެނިވަޑައިގެންނެވި އެކަކަށް އޭނާ ވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ކުރަމުންދިޔަ ގޯސް ކަންތައްތައް ހުއްޓުވަން ތެދުވެވަޑައިގަތުމާއި، ގޯސް ކަންކަމަށް އާނބަސް ވިދާޅުނުވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ޒިންމާއެއްކަމަށް ދެކިވަޑައިގެން މަސައްކަތް ކުރެއްވީމާ އޭނާއަކީ ޚިޔާނާތްތެރިއެއް ކަމަށް ސަރުކާރުން ބުނަންފެށި ކަމަށް މެމްބަރ ސައުދު ހުސައިން ވިދާޅުވިއެވެ.
އެހެން ނަމަވެސް، ހަގީގަތަކީ، މެނިފެސްޓޯ ހަދައިގެން މިސަރުކާރުން ރައްޔިތުންނަށްވީ ވައުދު ރައީސް ޔާމީން ނުފުއްދަވާ ކަމަށާއި، އެހެންކަމުން، މިކަމުން ސަލާމަތްވުމަށް ރާއްޖޭގެ ރައްޔިތުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކަކީ އާދައިގެ މަސައްކަތްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ހަމަ ޔަގީނުންވެސް ދިވެހިރާއްޖޭގެ އައިޑީ ކާޑުއޮތް ދިވެހި ރައްޔިތަކަށް ސަރުކާރެއްގެ ނުވަތަ އަނިޔާވެރި ވެރިއެއްގެ ފަރާތުން ލިބޭނެ އެންމެބޮޑު އަނިޔާ، އެންމެބޮޑު ހިތްދަތިކަން އަޅުގަނޑަށް މިސަރުކާރުގަ ވަނީ ލިބިފަ. އަޅުގަނޑު ޔަގީނުންވެސް ވައްކަމެއް ނުކުރަން، މީހަކު ނުމަރަން، އަދި މީހަކާ ދޭތެރޭ ޒާތީ ހަސަދަވެރިކަމެއް ނުބާއްވަން" ސައުދު ހުސައިން ވިދާޅުވިއެވެ.
ސައުދު ހުސައިންގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެ މިހާރު މިދެކޭ ތަރައްގީގެ ހަގީގީ ބާނީއަކީ ރައީސް މައުމޫނު ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނުގެ އުމުރުފުޅުގެ ދޮށިކަމާއެކުވެސް އެމަނިކުފާނާމެދު ރައީސް ޔާމީނު ކަންތައް ކުރައްވާ ގޮތަކީ ބޮޑު ޚިޔާނާތެއް ކަމަށެވެ.
2018 ވަނަ އަހަރުގެ މިއޮގަސްޓްމަހާ ހަމައަށް އައިއިރު، ދިވެހި ރައްޔިތުންގެ ކުރިމަތީގަ ސަރުކާރެއް ހިންގުމުގަ ވެރިން ފަޟީހަތް ނުވާ މިންވަރަށް މިސަރުކާރުގެ އެކިއެކި ފަންތީގެވެރިން ވަނީ ފަޟީހަތްވެފައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރުގެ އެންމެންގެ ހަގީގަތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގި ހާމަވެފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހްއާއި، ރަނިންމޭޓް ފައިސަލް ނަސީމް ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގެންނެވީ ދެލައްކާ ވޯޓްގެ ކަށަވަރުކަމާ އެކުގައި ކަމަށާއި، ރައީސް ޔާމީނު ހުންނެވީ ގިނިކަންޏާ ކަމަށްވެސް ސައުދު ހުސައިން ވިދާޅުވިއެވެ.
ވިލިނގިލީ ރައްޔިތުން އަޅުގަނޑަށް ވޯޓްދިނީ ރައީސް ޔާމީންގެ އަޅަކަށް ވާކަށްނޫން: މެމްބަރ ސައުދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ