ހުކުރު މިސްކިތު ސަރަހައްދުގައި ކެފޭ ހެދުމަކީ ހެޔޮވާނެ ކަމެއް ނޫން: މައުމޫން

މާލޭ ހުކުރު މިސްކިތް ހުރި ބިމުގައި ކެފޭއެއް ތަރައްގީކޮށް ހިންގަން ސަރުކާރުން ނިންމެވުމަކީ ހެޔޮވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ކުރީގެ ރައީސް މައުމޫން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުކުރު މިސްކިތުގެ ސަރަހައްދުގައި ކެފޭއެއް އެޅުމަކީ ދީނީ ގޮތުންނާއި ތާރީހީ ގޮތުން ހެޔޮވާނެ ކަމެއް ނޫން ކަމަށެވެ. "އެފަދަ ސަރަހައްދުތަކަކީ އަގުހުރި ދީނީ އަދި އާސާރީ ތަރިކައެއް. އެފަދަ ތަންތަން ސަލާމަތް ކުރުމަކީ ގައުމީ ވާޖިބެއް،" މައުމޫން ކުރި އެހެން ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ. ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ހުކުރު މިސްކިތް ހުރި ބިމުން އެ މިިނިސްޓްރީ އިން ކަނޑައަޅާ ސަރަހައްދެއް ލޭންޑް ސްކޭޕްކޮށް، ސްޓަޑީ ކިއޮސްކުތަކެއް (ކޮށިގަނޑުތަކެއް) ބަހައްޓައި ތަރައްގީ ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެ ސަރަހައްދު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެތަނުގައި ހައުސިން މިނިސްޓްރީން ދޭ ކޮންސެޕްޓަކާ އެއްގޮތަށް ހަ ސްޓަޑީ ކިއޮސްކާއި ކެފެޓީރިއާ ސަރަހައްދެއް ތަރައްގީ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ނަމަވެސް ސަރުކާރުގެ އެ ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ސަރުކާރުން ބުނީ މިސްކިތުގެ ލޭންޑް ސްކޭޕިންގެ މަސައްކަތް ކުރިއަށް ގެންދާ އިރު އެ ސަރަހައްދުގައި ހިމެނޭ ތާރީހީ އަދި އާސާރީ އެއްވެސް ބިނާ އަކަށް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ