މުޅި ގައުމު ކެތްމަދުވެފައިވަނީ މިހާރުހުރި ރައީސްގެ ކިބައިން ސަލާމަތްކުރުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހއ ދިއްދޫގައި އިއްތިހާދުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މުޅި ގައުމު ދަރަނިވެރިކޮށްފައިވާކަމަށާ ތަރައްގީގެ ނަމުގައި ރައްޔިތުންގެ ކަރަށް ދަރަނީގެ ދަންމަޅިއެއް މަހާފައިވާކަމަށެވެ.
މުޅި ހއ އިވެމުންދަނީ ވެރިމީހާ ހައްޔަރުކުރުމަށް ގޮވާލާ އަޑުކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ގައުމަށް ގެނެސްދީފައިވާކަމަށް ބުނާ ތަރައްގީ ދެއްކުމުގެ ގޮތުން ރަށްވެހި ތަރައްގީގެ ނަމުގައި ފޮތެއް ނެރެފައިވާކަމަށެވެ. އެފޮތް ދެކެވަޑައިގެންކަން ހާމަކުރައްވާ ޝާހިދު ވިދާޅުވީ އެ ފޮތުން 4 ހަތަރުކަމެއް ފާހަގަކުރެވުނުކަމަށެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ ރައީސް ޔާމީން ގައުމަށް ގެނެސްފައިވާކަމަށް ބުނާ ތަރައްގީއަކީ ކާޅު ހާއްޔަށް ކޮވެލި ބިސް އަޅާ އުސޫލުންނާއި، ފީކުކުޅު ގޮނޑުހާވާ އުސޫލުން ގެނެސްފައިވާ ތަރައްގީއެއްކަމަށެވެ. އަދި ފަލަމަޑީގެ އުސޫލުންވެސް މި ސަރުކާރުން ތަރައްގީ ގެނެސްފައިވާކަމަށް ވިދާޅުވެ ތިލަންދުންމައްޗަށް އަމާޒުކޮށްގެން ގެންނަން ވިދާޅުވި އައިހެވަން މަޝްރޫއު ކޮބައިތޯ ޝާހިދު ސުވާލުކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ އަންބޮޑިއަށް ބޮޑުކުރާ އުސޫލުން މިސަރުކާރުން ގެނެސްފައިވާ ތަރައްގީގެ ސަބަބުން މުޅި ގައުމު ދަރަނިވެރިވެފައިވާކަމަށާ ތަރައްގީގެ ނަމުގައި ރައްޔިތުންގެ ކަރަށް މަހާފައިވަނީ ދަންމަޅިއެއްކަމަށެވެ.
"އަޅުގަނޑުމެން މިދަނީ އިންތިހާއަށް ދަރަމުން. މިދިޔަ ބަޖެޓް އެފާސްކުރީ ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ބޮލަށް އެއްލައްކަ ރުފިޔާއިން ދަރުވާލާފައި."
ޝާހިދު ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތުން ސަލާމަތްކުރަންޖެހޭކަމަށާ ރައްޔިތުން ދަރަނިވެރިވެފައިވަނީ ދައުލަތަށް ލިބޭ އާމްދަނީވެސް ދަރަނި އަދާނުކުރެވޭ މިންވަރަށްކަމަށެވެ. ކުރިއަށް އޮތްތާ ގައުމަށް ލިބޭ ކޮންމެ ރުފިޔާއަކަށް އެއްރުފިޔާ ވިހި ލާރި ދަރަނީގެ ގޮތުގައި ދައްކަންޖެހޭކަން ފާހަގަކުރައްވާ ޝާހިދު ވަނީ ރައްޔިތުންގެ ކަރުގައިވާ ދަރަނީގެ ދަންމަޅިން ސަލާމަތްވުމަށް ހުރިހާ ރައްޔިތުން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. ޝާހިދު ވިދާޅުވީ ތަރައްގީ ގެނެވޭނީ އިންސާފު ގާއިމްކޮށްގެންކަމަށެވެ.
ގައުމު ކެތްމަދުވެފައިވަނީ މިހާރުހުރި ރައީސްގެ ކިބައިން ސަލާމަތްވުމަށް: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ