ފުލުހުންނަށް އަނިޔާ ކުރުމުން މައުމޫން އެކަން ކުށްވެރިކުރައްވައިފި

"އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން" މި ނަމުގައި އަދާލަތު ޕާޓީ އިސްވެ އޮވެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ރޭ ބޭއްވި މުޒާހަރާގެ ބައިވެރިންތަކެއް ފުލުހުންތަކަކަށް އަނިޔާކޮށްފައިވާތީ ކުރީގެ ރައީސް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އެކަން ކުށްވެރި ކުރައްވައިފިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައިއެވެ.
މައުމޫން ވިދާޅުވެފައިވަނީ މުޒާހަރާގައި ގާނޫނާ ހިލާފު އަމުލަތައް ހިންގަމުން ދިޔަ ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރި ފުލުސް އޮފިސަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައި ވާތީ އެކަން ކުށްވެރިކުރައްވާ ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވިއިރު، ރޭގެ މުޒާހަރާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ ފުލުހަކަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެ އިން ބޭރަށް ވަނީ ގެންގޮސްފައެވެ.
ރޭގެ މުޒާހަރާގައި ފުލުހުންނަށް ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހުން ހޯދަން ފުލުހުން ވަނީ ވީޑިއޯ ވެސް އާންމުކޮށްފައެވެ.
މުޒާހަރާ ޗާންދަނީ މަގުގައި ހިނގަމުން ދަނިކޮށް އެސަރަހައްދުގައި އެއްވެފައި ތިބި މީހުން ފޮނުވާލުމަށް ކުރި މަސައްކަތުގައި ފުލުހަކު ބިންމައްޗަށް ވައްޓާލައި އެއްވެފައި ތިބި މުޒާހަރާގެ ބައިވެރިން ލަޓިބުރިއާއި ފުޅިއާއި އަދިވެސް އެހެން އެއްޗެހިން އެ ފުލުސް މީހާގެ ގައިގައި ތަޅާ އަނިޔާ ކުރާތަން މިވީޑިއޯއިން ފެނެއެވެ.
ފުލުސް މީހާ އިސްކަންދަރް ސްކޫލް ކުރިމައްޗަށް ވާ ގޮތަށް ވެއްޓިފައި އޮތް އިރު މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެތައް ބަޔަކު ވަނީ އެމީހާ ވަށާލުމަށް ފައިން އަރާ، ކޮޅުފައިން ޖަހާ ވަރަށް އިހާނެތިކޮށް އަނިޔާވެރިވެފައެވެ.
މިފުލުސް މީހާ ބިންމަތީގައި ސަލާމަތަށް އެދި ގޮވަގޮވާ އޮއްވާ އޭނާގެ ގައިގައި ތަޅަން އެއްވެފައި ތިބި މީހުން ދުރަށް ޖެއްސުމަށްފަހު އެމީހާއަށް އެހީތެރިވެދިނީ ދިޓީވީގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ސުނިލް ކަން ވީޑިއޯއިން ވަރަށް ސާފުކޮށް ފެނެއެވެ.
އެފުލުސް މީހާއަށް އަނިޔާ ކުރި މީހުން ދުރަށްލުމަށް ސުނިލް ހަރަކާތްތެރިވާ ތަން މިވީޑިއޯއިން ފެނެއެވެ. އަދި ފުލުހުންގެ އެހެން ބޭފުޅުންގެ އެހީތެރިކަން ލިބުމުގެ ކުރިން އެތާ އެވަގުތު ހަރަކާތްތެރިވަމުން ގެންދިޔަ އިތުރު ނޫސްވެރިންވެސް ވެއްޓިފައި އޮތް ފުލުސް މީހާއަށް އެހީތެރިވުމުގައި ހަރަކާތްތެރިވިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ