އިންސާނީ ހައްގުތަކުން ގިނަ މީހުން ވަނީ މަހުރޫމްވެފަ: މައުމޫން

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު ހިތާމައަކީ، ރާއްޖޭގެ ގިނަ މީހުންގެ އެންމެ އަސާސީ އިންސާނީ ހައްގުތައް މަހުރޫމްވެފައިވުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދުވަހާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގިނަ ބައެއްގެ އަސާސީ ހައްގުތައް ނިގުޅައިގެންފައިވުމަކީ މާފުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކުރިއެރުމާއި ތަރައްގީ ހޯދޭނީ މުޖުތަމައުގެ އެންމެންނަށް ވެސް އެމީހެއްގެ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުވެގެން ކަމަށެވެ.
ރާއްޖޭގައި އިންސާނީ ހައްގުތައް އޮތް ހާލަތާމެދު ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރެއްވިއިރު، އެޗްއާރްސީއެމްއިން ވަނީ މި އަހަރުގެ ތެރޭގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ބުނެފަ އެވެ. އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ބުނީ މި އަހަރު ޖިނާއީ އަދުލުގެ ނިޒާމާބެހޭ ގާނޫނުތައް ފާސްވެ މި އަހަރު އަމަލުކުރަން ފެށިފައިވާ ކަމަށެވެ. އެގޮތުން، ފާހަގަކުރެވޭ ދެ ގާނޫނަކީ، ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނެވެ. ނަމަވެސް އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުވެވާކަން އެ ކޮމިޝަނުން ފާޙަގަކުރި އެވެ.
އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އެކަކު އަނެކެއްގެ އަބުރު ނަގާލުމާއި މުޖުތަމައުގައި ނަފްރަތު އުފެދޭފަދަ އަމަލުތައް އިތުރުވުމާއި މީހުންގެ ފުރާނައަށް ގެއްލުންވާފަދަ އަމަލުތައް އިތުރުވަމުންދާ ކަމަށް އެޗްއާރްސީއެމްއިން މިއަދު ބުންޏެވެ.
އިންސާނީ ހައްގުތަކުގެ ދުވަހުގެ އިތުރުން މިއަދަކީ ރާއްޖޭގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ އެ ހައްގުތައް ފޯރުކޮށްދެވޭ މިންވަރު ދެނެގަނެ، އެ ހައްގުތަކަށް މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ރާއްޖޭގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރުމަށް ވަކި މުއައްސަސާއެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވުޖޫދަށް އައި ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ