ރިޔާސީ އިންތިހާބުގެ ކުރިން ތިމަރަފުށީ އެއާރޕޯޓުގައި ފްލައިޓު ޖައްސާނެ: ޝަރީފު

ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ތިމަރަފުށީ އެއާރޕޯޓުގައި ފްލައިޓު ޖައްސާނެ ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޖީއައިޕީގެ ޕޯޑިއަމުގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޝަރީފު ރޭ ވިދާޅުވީ ތިމަރަފުށި އެއާރޕޯޓުގެ މަސައްކަތް ފުރިހަމަ ކުރުމަށް އިތުރަށް 58.8 މިލިޔަން ރުފިޔާ ބޭނުންވާ ކަމަށާއި އެފައިސާ އަދި ހަމަޖެހިފައި ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ބުނުމަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކައެއް ކަމަށެވެ.
"ސަރުކާރުގެ އަގު ވައްޓާލުމައްޓަކާ، ރައީސް ވަހީދުގެ އަގު ވައްޓާލުމައްޓަކާ ތަފާތު ފަރާތްތަކުން އިންޓަވިއުތަކާއި އެހެނިހެން ނޫސްބަޔާންތައް ނެރެމުންދޭ، އެކަމަކު ތިމަރަފުށި ރައްޔިތުންނަށާއި ތިމަރަފުށި ދާއިރާގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އެނޫސްބަޔަނާތަކުގަޔާއި ހަބަރުތަކުގައިވަނީ ހަގީގަތާއި ހިލާފަށް ކަމަށޭ. އިރާދަ ކުރެއްވިއްޔާ ގައުމީ އިއްތިހާދުން، މިސަރުކާރުން، ކޯލިޝަނުން ބާރު އަޅައިގެން އިންތިހާބުގެ ކުރިން އަޅުގަނޑުމެން ފްލައިޓު ޖައްސާނަން. ބަޖެޓުގައި ނެތޭ މިހާ ލާރިއޭ ހަރަދުވަނީ ވިދާޅުވާނެ ކަމެއް ނެތް. އެއްވެސް ހާލެއްގައި ވިދާޅުވާނެ ކަމެއް، ރައްޔިތުންގެ މެދުގައި ޝައްކު އުފެއްދުމަށް އިންޓަވިއު ދެއްވާނެ ކަމެއް ނެތް،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފުގެ އިތުރުން ރޭގެ ޖަލްސާގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އައްބާސް އާދިލު ރިޒާ ވެސްވަނީ ތިމަރަފުށި އެއާރޕޯޓާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އައްބާސް ވިދާޅުވީ ތިމަރަފުށީ އެއާރޕޯޓު ހަދާނެ ފައިސާ ނެތް ކަމަށް ބުނެފައި އޮތް ވާހަކަ ކުށްވެރި ކުރާ ކަމަށާއި ސަރުކާރުގެ ފަރާތުން އެމަޝްރޫއާއި ހަވާލު ވެގެން ހުރި މީހެއްގެ ހައިސިއްޔަތުން އެއާޕޯޓުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އައްބާސް ވިދާޅުވީ ސަރުކާރުން ކަންކަން ކޮށްދެނީ އެދާއިރާއެއްގެ މެމްބަރު ހުންނަވާ ޕާޓީއެއް ބަލައިގެން ނޫން ކަމަށާއި ތަރައްގީއަށް ރޭވިފައި ހުރި މަޝްރޫއުތަކަކީ ވަކި ބަޔަކު ކޮށްދޭ ކަންތައްތަކެއް ނޫން ކަމަށެވެ.
އަދި ރައީސް ވަހީދަކީ ޖެހޭ ކޮންމެ ތަނަކު ބިންގާ އަޅާ އުސޫލުން ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި ތަރައްގީގެ އެއްވެސް މަޝްރޫއެއް ގާނޫނާ ހިލާފަށް ކުރިއަށް ނުގެންދާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. އަދި ތަރައްގީގެ އެއްވެސް މަޝްރޫއަކީ ވާދަވެރިންނަށް ހުއްޓުވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ