ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަނާ ގުޅުން ހުރި ބަޔަކު އެމްޑީޕީއަށް 30 ހާސް ވޯޓް ކަރުދާސްކޮޅު ހަވާލު ކޮށްފައިވާ ކަމަށް ޖުމްހޫރީ ގުޅުމުގެ އިސް ބޭފުޅެއް ކަމަށްވާ އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ވިދާޅުވީ ޖުމްހޫރީ ގުޅުމުން ނިކުމެ އެމްޑީޕީ ބަލި ކުރާނެ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނުގެ މެމްބަރުން ވަކި އަތަކަށް ޖެހިފައިވާ ކަމަށް ބުނެ އެތާގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހެޅި ކަން އެނގޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އެމްޑީޕީއަށް އެކަންޏޭ މިކަން ވާނީ ހީނުކުރައްވާތި. މުޒާހަރާއަށް ނުކުންނަން ޖެހިއްޖެއްޔާމުން މާ އަޅުގަނޑުމެންގެ މުޒާހަރާ ދިގުވެސްވާނެ މާވަރުގަދަވެސް ވާނެ. ސަބަބަކީ އަޅުގަނޑުމެން ތިބޭނީ ހަމާގައި... ފުއާދު ފުރާވަޑައިގަންނަވަން ބޭނުމިއްޔާ އަވަހަށް ފުރާވަޑައިގަންނަވާށޭ. މިކަމެއް ނުއެއްވާނެ ހަމަ ގައިމުވެސް. އަޅުގަނޑުމެން އަޑުއެހިން އެއްބުރުން ކާމިޔާބު ނުވެގެން ފުރާވަޑައިގަންނަވަން އުޅުނު ވާހަކަވެސް،" އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ ފުއާދު ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އިތުރަށް އުމަރު ވިދާޅުވީ ބޭރުގެ ކުންފުންޏަކުން ރާއްޖޭގެ ފަނޑިޔާރުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއްވެސް ގޮތަކަށް އެ ބޭފުޅުން ރިޝްވަތުގައި ހިފާފައި ނުވާ ކަމަށެވެ.
ހޮނިހިރު ދުވަހު ހެދުނު ހަތެއް ޖެހީންސުރެއް ފެށިގެން ޔޫރަޕުގައި ހުރި ސިސްޓަމަކުން އިލެކްޝަނުގެ ވެބްސައިޓަށް މިނެޓަކު 10 މިލިޔަން ހެކިން އެޓޭކް ދެމުން ދިޔަ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި އެ ވާހަކަ ފުއާދުއަށް ހާމަ ކުރައްވަން ކެރިވަޑައި ނުގަންނަވަނީ ކީއްވެގެންތޯ އުމަރު ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން ފުއާދުގެ އަނބިކަނބަލުން އެމްޑީޕީގެ މުޒާހަރާ ތަކުގެ ކުރީގައި "ގުންފައި ޖަހާފައި" ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވެ އުމަރު ވަނީ ފުއާދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެމްޑީޕީއަށް 30 ހާސް ވޯޓް ކަރުދާސްކޮޅު ހަވާލުކުރި: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ