ރާއްޖެ އަކީ މިނިވަން ގައުުމެއް، އިންޑިއާ އަދި ޗައިނާގެ އުނގަކަށް ނުވެއްޓޭނެ: އުމަރު
ދިވެހިރާއްޖެއަކީ ފަހުރުވެރި، މިނިވަން ގައުމެއް ކަމަށާއި، އިންޑިއާ އަދި ޗައިނާގެ އުނގަށް ވެސް މި ގައުމު ނުވެއްޓޭނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިއަދު އެހެން ވިދާޅުވީ، އައްޑޫގައި އަޅާ ޕޮލިސް އެކަޑަމީ އާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ޕޮލިސް އިންސްޕެކްޝަންޑޭ ފާހަގަކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝާހިދު ވިދާޅުވީ އެ މަރުކަޒު އެންމެ ފުރަތަމަ އަޅަން ނިންމާފައި އޮތީ ޅ. ދިއްފުށިމާދޫގައި ކަމަށެވެ. އަދި އެއަށްފަހު އެ މަރުކަޒު ލ. އަތޮޅުގައި އަޅަން ނިންމައި، އެންމެ ފަހުން އައްޑޫގައި މަރުކަޒު އަޅާގޮތަށް ނިމުނީ ކަމަށެވެ. އެ މަރުކަޒު އައްޑޫއަށް ބަދަލުކުރުމުގެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. މިނިސްޓަރުގެ ވާހަކައާ ގުޅިގެން އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ތަމްރީނު މަރުކަޒު އައްޑޫގައި ގާއިމުކުރަން ނިންމެވީ އެއީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށް ވެފައި، ވަޒީފާގެ ފުރުސަތުތައް މަދު ކަމުން، އެ އަތޮޅަށް އިތުރު ފުރުސަތު ހޯދާދިނުމުގެ ގޮތުން ކަމަށެވެ. އައްޑޫގައި އިންޑިއާ އިން ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ "މިހާރު އަޅަމުންދާ މަރުކަޒަކީ އަޅުގަނޑު ނިންމި ފުލުހުންގެ މަރުކަޒު ކަމަށް ވެއްޖެ ނަމަ، އުފަލުގެ ކޮޅެއްވެސް ނެތް. ނަމަވެސް ޑިޒައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލުކުރެވޭ ގޮތަށް އެޅެމުންދާ މަރުކަޒެއް ނަމަ ހިތާމައިގެ ކޮޅެއްނެތް،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އޭނާ ސޮއިކުރެއްވީ ހިލޭ އެހީގައި އައްޑޫގައި ފުލުހުންގެ ތަމްރީން މަރުކަޒެއް އެޅުމަށް ކަމަށާއި މި ސަރުކާރު އައިފަހުން އެ އެގްރީމަންޓަށް އިތުރު ކުރެވުނު ނުކުތާތައް އެނގިލައްވާނީ މިނިސްޓަރު ޝާހިދަށް ކަމަށެވެ. "ފެންނަނީ އިންޑިއާގެ ސިފައިންތައް އައިސް ގޮސްވާތަން. ހެލިކޮޕްޓަރެއް ހަދިޔާ ކުރަން އައި މީހުން އަށް އަހަރުވީއިރު އަދިވެސް މިއުޅެނީ ހެލިކޮޕްޓަރު ހަވާލު ކޮށްފަ ނުފުރިގެން އުޅޭތަން،" އުމަރު ވިދާޅުވި އެވެ. އުމަރު ވަނީ އައްޑޫގައި އަޅާ މަރުކަޒު ބަލާލަން މީޑިއާތަކަށް ދައުވަތު ދިނުމަށް ގޮވާލައްވައިފަ އެވެ. އަދި އެއްވެސް ސިފައެއްގައި އިންޑިއާގެ ސިފައިން ނުވަތަ ތަމްރީން ހަދަން ގެންނަ އިންޑިއާ ސިފައިން އެ މަރުކަޒުގައި ނުތިބޭނެކަމުގެ ޔަގީންކަމެއް ސަރުކާރުން ދިނުމަށް ވެސް އުމަރު އިލްތިމާސް ކުރެއްވި އެވެ. ހަމައެއާއެކު މަރުކަޒުގެ އެގްރީމަންޓަށް ބައެއް އިތުރު ކުރެވިފައިވާނަމަ އެބައި ހާމަކޮށްދިނުމަށް ވެސް އުމަރު ވަނީ އެދިވަޑައިގެންފަ އެވެ. "ދެހާސް ތޭވީސް ވަނަ އަހަރުގެ އިންތިހާބަށް ފަހު އިންޑިއާގެ ހުރިހާ ސިފައިން އިރާދަކުރެއްވިއްޔާ މި ގައުމުން ބާލާނަން. އިންޑިއާގެ އަދި ޗައިނާގެ އުނގަކަށް މި ގައުމު ނުވެއްޓޭނެ. މިއީ އަޅުގަޑުމެން ފަޚުރުވެރިވާ މިނިވަން ގައުމެއް،" އުމަރު ވިދާޅުވި އެވެ. އިންޑިއާއިން އައްޑޫ ސިޓީގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑެމީގައި އެއްވެސް ކަހަލަ އަސްކަރީ ހަރަކާތެއް ނުހިނގާނެ ކަމަށާއި އެތަނުގައި ކުރިއަށް ދާނީ ފުލުހުންގެ ތަމްރީނުތައް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. އައްޑޫ ސިޓީ ހިތަދޫން އެއް ކިލޯ މީޓަރަށް ވުރެ ބޮޑު ބިމެއްގައި ހަދަމުން އަންނަ އެކަޑަމީގެ އިމާރާތްތަކަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ހިންގުމަށް ޓަކައި އިމާރާތްކުރާ ތަނެއްކަމަށް އިދިކޮޅުން ވަރަށް ބޮޑަށް ތުހުމަތުކުރެ އެވެ. އެ އިމާރާތުގެ މަސައްކަތް މި އަހަރުގެ ޖުލައި ފުރަތަމަ ދުވަހު ނިންމާލެވޭނެ ކަމަށް ކުރިން ވަނީ އަންދާޒާކޮށްފަ އެވެ. ނަމަވެސް މިހާރު ބެލެވެނީ އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ