މަޖިލީހުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެއްޖެއެވެ.
ރ. ކަނދޮޅުދޫއަށް ނިސްބަތްވެވަޑައި ގަންނަވާ އިސްމާއިލް ޒަކަރިއްޔާ އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.
މިކަން ހާމަކުރައްވާފައިވަނީ، އޭނާގެ ދަރިކަލުން އިބްރާހިމް އާޒިމްއެވެ. އިބްރާހިމް އާޒިމްއަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ އިންފޮމޭޝަން އޮފިސަރެވެ.
ބައްޕާފުޅު އަވަހާރަވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށް އާޒިމް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ މަޝްހޫރު ނަމެއް ކަމަށްވާ އަދި ގައުމީ ފުޓްބޯލަ ޓީމުގެ ކެޕްޓަންކަންވެސް ކުރައްވާފައިވާ ޝާހު އިސްމާއިލްއަކީވެސް އިސްމާއިލް ޒަކަރިއްޔާގެ ދަރިކަލެކެވެ. ޝާހު އިސްމާއިލްވަނީ ކުޅިވަރުގެ ދާއިރާގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައެވެ.
މިއަދު އަވަހާރަވި އިސްމާއިލް ޒަކަރިއްޔާއަކީ، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ އެއްބަނޑު އެއްބަފާ ބޭބޭފުޅުވެސް މެއެވެ.
މަރްހޫމް އިސްމާއިލް ޒަރިއްޔާއަކީ ސަރުކާރަށް ވަރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ