30 އިންސައްތަ އަންހެނުން ވިހަން ދަނީ އެހެން ރަށަކަށް

ދިވެހިރާއްޖޭގައި 30 އިންސައްތަ އަންހެނުން ވިހަން ދަނީ ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރަށްރަށުން އެކަށިގެންވާ ސިއްހީ ފަރުވާ ނުލިބޭ މައްސަލައަކީ ޒަމާނުއްސުރެ ބޮޑު މައްސަލައެކެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުގައި ވާގޮތުން ރާއްޖޭގައި އެ މުއްދަތުގައި ޖުމުލަ 1،427 ކުދިން ވިހެއެވެ. އެއީ، 697 އަންހެން ކުދިންނާއި 730 ފިރިހެން ކުދިންނެވެ. ތަފާސްހިސާބުން އެނގޭ ގޮތުގައި އޭގެ ތެރެއިން 72 އިންސައްތަ ކުދިން ވިހެއީ މާލޭގައެވެ. އެއީ، 1،028 ކުދިންނެވެ. ދެވަނައަށް އެންމެ ގިނައިން ވިހޭ ހދ. އަތޮޅުގައި ވިހެއީ 86 ކުދިންނެވެ. ތިންވަނައަށް އެންމެ ގިނައިން ވިހޭ އައްޑޫ ސިޓީގައި ވިހެއީ 53 ކުދިންނެވެ. އެކަމަކު، 72 އިންސައްތަ ކުދިން މާލޭގައި ވިހޭއިރު ޖުމުލަ ވިހޭ މީހުންގެ 70 އިންސައްތަ މީހުން ވިހެއީ އާންމުކޮށް ދިރިއުޅޭ ރަށުގައި ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި، 30 އިންސައްތަ އަންހެނުން ވިހެއީ ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައެވެ. ކުޑަކުއްޖެއް ބައްޕައާ އެކު: ރާއްޖޭގައި 30 އިންސައްތަ އަންހެނުން ވިހަނީ އެހެން ރަށެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ މާލޭގައި ވިހޭ 1،028 އަންހެނުންގެ ތެރެއިން 64 އިންސައްތަ މީހުންނަކީ މާލޭގައި ދިރިއުޅޭ މީހުންނެވެ. އަދި، އަތޮޅުތަކުގައި ވިހޭ ޖުމުލަ 402 ކުދިންގެ ތެރެއިން 85 އިންސައްތަ ކުދިން ވިހެއީ އެ ކުދިންގެ މައިންބަފައިން އާންމުކޮށް ދިރިއުޅޭ ރަށުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެންމެ ގިނައިން ވިހެއީ 30ގެ އަހަރުތަކުގެ އަންހެނުންނެވެ. އެ ގޮތުން: 15 އަހަރާއި 17 އަހަރާ ދެމެދުގެ ތިން އަންހެނުން ވިހޭ 18 އަހަރާއި 19 އަހަރާ ދެމެދުގެ 13 އަންހެނުން ވިހޭ 20 އަހަރާއި 24 އަހަރާ ދެމެދުގެ 205 އަންހެނުން ވިހޭ 25 އަހަރާއި 29 އަހަރާ ދެމެދުގެ 394 އަންހެނުން ވިހޭ 30 އަހަރާއި 34 އަހަރާ ދެމެދުގެ 444 އަންހެނުން ވިހޭ 35 އަހަރާއި 39 އަހަރާ ދެމެދުގެ 296 އަންހެނުން ވިހޭ 40 އަހަރާއި 44 އަހަރާ ދެމެދުގެ 68 އަންހެނުން ވިހޭ 45 އަހަރާއި 49 އަހަރާ ދެމެދުގެ ހަތަރު އަންހެނުން ވިހޭ މީގެ އިތުރުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްްޖޭގައި 374 މީހުން މަރުވިއެވެ. އޭގެ ތެރެއިން 218 މީހުން މާލޭގައި މަރުވިއިރު އަތޮޅު ތެރޭގައި މަރުވީ 152 މީހުންނެވެ. އެހެންވެ، މަރުވި މީހުންގެ 59 އިންސައްތަ މީހުން ވެސް މަރުވީ މާލޭގައެވެ. މަރުވި މީހުންނާއި އުފަންވި ކުދިންގެ ތަފާސްހިސާބުތަކުން ވެސް ސިއްހީ ކަންކަމުގައި މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ފެންނައިރު ރަށްރަށާއި އަތޮޅުތަކުން އެކަށިގެންވާ، ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ނުލިބުމަކީ ޒަމާނުއްސުރެ އޮންނަ ކަންބޮޑުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ