ވީގޮތެއް ނޭނގެ، ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަނީ!

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ ކަމަށްވާ ހދ. ނޭކުރެންދޫ ކަނޑޫފަލުން ދިހަ ހާހެއްހާ ގަސް ވީނުވީއެއް ނޭނގި މަރުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
އެ ރަށުގެ ކަނޑޫފާ ވަނީ 2018 ގައި ހިމާޔަތްކޮށްފަ އެވެ. ކުޅިއަކާއި ބޮޑު ޗަސް ބިމެއް ހިމެނޭ އެ ސަރަހައްދުން ގަސް ކެނޑުން ފަދަ އެ ސަރަހައްދަށް ގެއްލުން ވާނެ ކަންކަން ހުއްޓައިލައިފައިވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި އެއީ މިހާރު ވެސް ދޭތެރެދޭތެރެއިން މީހުން ކަނޑޫ ހޮވާ ފަލެކެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވި ގޮތުގައި، ކަނޑޫފަލުން ގަސް މަރުވާކަން ފާހަގަކުރެވެން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. މިހާތަނަށް 10،000 އަށް ވުރެ ގިނަ ގަސް މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަތް ދޮންވެފައި ގަސް ހިކެނީ. ކަނޑޫފަލުގެ ތިން ބައި ކުޅަ ދެ ބައިވަރު މަރުވެއްޖެ މިހާރު،" އަލީ ވިދާޅުވި އެވެ.
ނޭކުރެންދޫ ފަލުން ގަސްތަކެއް މަރުވެފައި: އެސަރަހައްދުން 10،000 ގަސް މަރުވެފައިވާ ކަމަށް ކައުންސިލުން ބުނޭ-- ފޮޓޯ: ނޭކުރެންދޫ ކައުންސިލް
އެ ފަލުގައި ކަނޑުލުގެ އިތުރުން ބުރެވި ގަހާއި ބޮޑަވަކި ގަހާއި ތެލަ ގަހުގެ އިތުރުން ތަކަފަތި ގަސް ހުރެ އެވެ.
އަލީ ވިދާޅުވި ގޮތުގައި މުޅިންހެން މަރު ވެގެން ދަނީ ކަނޑޫ ގަހެވެ. އެހެންކަމުން މިހާރު އެ ފަލުގައި ކަނޑޫ ވަރަށް މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"ކާން ބޭނުންކުރާ ކަނޑޫ ގަސްތައް މަރުވަނީ. ފުދޭ ވަރަކަށް ބާރަށް އެބަދޭ މަރުވަމުން. ކަނޑޫ މަރުވާ ވަރަކަށް ބުރެވި ގަސް އެބަ ގިނަވޭ ވަރަށް،" އަލީ ވިދާޅުވި އެވެ.
ސަބަބު ހޯދަން މަސައްކަތް ފަށައިފި
އަލީ ވިދާޅުވީ އެ ކަނޑޫފާ ނެތިދާނެތީ އެކަން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އަދި އެ މިނިސްޓްރީގެ ޓީމަކަށް އެރަށަށް ނާދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަނޑޫފާ މަރުވާ ސަބަބު ހޯދުމަށް، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ސޭވް މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ) އާއި މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް) ގުޅިގެން ވަނީ ދިރާސާއެއް ފަށައިފަ އެވެ.
ނޭކުރެންދޫ ކަނޑޫފާ: އެ ސަރަހައްދުން ގިނަ އަދަދެއްގެ ގަސް ވަނީ މަރު ވެފައި-- ފޮޓޯ: ނޭކުރެންދޫ ކައުންސިލް
އަލީ ވިދާޅުވިގޮތުގައި ދިރާސާ ހެދުމަށް އެ ކަނޑޫފަލުން ސާމްޕަލް ނަގައި ރާއްޖޭން ބޭރަށް ފޮނުވައިފައިވާ ކަމަށެވެ. އެހެންވާން މެދުވެރިވާ ސަބަބެއް ކަމަށް މިހާރު ލަފާ ކުރާ ކަންތަކުގެ ތެރޭގައި ފާޑެއްގެ ފަންޏެއް ގަސްތަކުގައި އެޅުމާއި އެ ސަރަހައްދަށް ލޮނުގެ އަސަރު ބޮޑުވުން ނުވަތަ ގަސްތަކަށް އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަށުގެ ދުވަސްވީ މީހުންނާ ހަވާލާދީ އަލީ ވިދާޅުވީ މީގެ 40 ވަރަކަށް އަހަރު ކުރިން ވެސް އެ ކަނޑޫފަލަށް އެ މައްސަލަ ކުރިމަތިވި ކަމަށެވެ. އެފަހަރު އެކަން ހައްލު ކުރީ ސަރުކާރުގެ ކަމާބެހޭ ބަޔަކު އައިސް ބޭސް ޖަހައިގެން ކަމަށް ދުވަސްވީ މީހުން ބުނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާއަކަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ.
"ބޭސް ޖެހުމުން ރައްޔިތުން ނުކުމެ ކަނޑޫ ރުވީ ކަމަށް ބުނަނީ. އޭގެ ފަހުންނޯ އެކަން އޭރު ހައްލުވީ،" އަލީ ވިދާޅުވި އެވެ.
އުތުރުގެ ގިނަ ރަށްތަކެއްގައި ކަނޑޫފާ ހުންނައިރު ބައެއް އެހެން ރަށްރަށުގެ ފާތަކުން ވެސް ގަސް މަރުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ