ކޮވިޑް-19: އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 150 އަށް އަރައިފި

ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 150 އަށް އަރައިފިއެވެ.
ހަލުވިކަމާއި އެކު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުން ދާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުރީ 268 އެނދެއެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި 18 އެނދެވެ.
މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 143 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއަދު ފައްސިވި މީހުންގެ ތެރެއިން 140 މީހުން ފައްސިވީ މާލެ އިންނެވެ. ތިން މީހުން ފައްސިވީ އަތޮޅުތަކުންނެވެ.
ރާއްޖެ އިން މިހާތަނަށް 5366 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އޭގެ ތެރެއިން 2884 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 2461 މީހުން އެބަތިއްބެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 21 މީހަކު ވަނީ ނިޔާވެފައެވެ.
މާލޭގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވުމުން މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ވަނީ މާސްކް އެޅުން މަޖުބޫރު ކޮށްފައެވެ. ނަމަވެސް މާސްކް އެޅުން މަޖުބޫރު ކުރުމުން ބަލި ފެތުރުން އެއްވެސް ވަރަކަށް ކޮންޓްރޯލް ކުރެވުނު ކަމެއް އަދި ތަފާސް ހިސާބުތަކުން ފާހަގައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ