ސުޕްރީމް ކޯޓުން ނެރުނު އަމުރުތައް ޤާނޫނީ ގޮތުން ތަންފީޒް ނުކުރެވޭނެ ކަމަށް ޕީޖީ އަދި އޭޖީ އޮފީހުން ބުނެފި

މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުތައް ޤާނޫނީ ގޮތުން ތަންފީޒް ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލްއާއި، ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރީމް ކޯޓުގެ އަމުރުގައި ހިމެނޭ ޤާނޫނީ ކަންތައްތަކުގެ ގޮތުގައި އޭޖީ އޮފީހާއި ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވާ ކަންތައްތައް ހާމަ ކުރައްވަމުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސުޕްރީމް ކޯޓުންކޮށްފައިވާ އަމުރަކީ، އެކޯޓުން ނިންމާފައިވާ މައްސަލަތަކެއް ބާތިލް ކުރުމެއް ނެތި ހުކުމް އިއްވާފައިވާ ބައެއް ފަރާތްތައް ދޫކޮށްލުމަށް ކޮށްފައިވާ އަމުރަކަށްވާތީ އެކަންކަން އޭޖީ އަދި ޕީޖީ އޮފީހުން ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އަދި އެހުކުމްތައް އެގޮތަށް ހުއްޓާ ދޫކޮށްލަން އަމުރުކުރި މީހުންގެ މައްސަލަތައް އަލުން ފަށަން ޖެހޭ ގޮތަށް އަމުރުކޮށްފައިވުމުން ގާނޫނީ ގޮތުން އެ އަމުރު ތަންފީޒް ނުކުރެވޭނެ ކަމަށް އޭޖީ އޮފީހުންނާއި ޕީޖީ އޮފީހުން ފާހަގަ ކުރައްވާ ކަމަށް އާޒިމާ ވިދާޅުވިއެވެ. " ހަމައެއާއެކު މިފަދަ މައްސަލަތަކެއްގައި ތިބި ބަޔަކަށް ވަކި ފުރުސަތުތަކެއް ލިބިދޭއިރު، ހަމަ އެމައްސަލަތަކުގައި ހިމެނޭ އެހެން މީހުންވެސް ތިބުމާއެކުގައި، ހަމަ އެހާލަތުގައި ތިބި އެހެން ބަޔަކު ތިބުމާއެކު ގާނޫނީ އޮނިގަނޑުގެ އެމަރުހަލާތަކުގައި، އެހެން މީހުންވެސް ތިބުމާއެކު، ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް އެއްގޮތަށް ކަން ކުރުމަށް ލިބިދީފައިވާ ހައްޤު އުނިވެގެންދާތީ، އެއީވެސް ޤާނޫނީ ގޮތުން ފާހަގަ ކުރެވިފައިވާ މައްސަލައެއް" އާޒިމާ ވިދާޅުވިއެވެ.އާޒިމާ ޝަކޫރު އިތުރަށް ވިދާޅުވީ، ގާނޫނީ އޮނިގަނޑުގެ ތެރެއިން ސުޕްރީމް ކޯޓުން މައްސަލައެއް ނިމުމަކީ އެމައްސަލައެއްގެ ނިމުން ނުވަތަ އެންމެ ފަހުގެ ސިއްކަ ޖެހުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމެއް ދުސްތޫރީ އޮނިގަނޑުގެ ތެރޭގައި ނިމުމަށްފަހު، އަލުން އެއަށް ބަދަލެއް ގެނައުމަކީ، ރާއްޖޭގެ ދުސްތޫރު ދަންނަ ހަމައެއް ނޫން ކަމަށެވެ. އާޒިމާ ވިދާޅުވީ، ދޫކޮށްލުމަށް އަމުރުކުރި ބައެއް މީހުންގެ މައްސަލަތައް ގާނޫނީ އޮނިގަނޑުގެ އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށާއި، އެމައްސަލަތައް އެހެން ހިނގަމުންދަނިކޮށް، އެމައްސަލަތަކުގައި ހުރި މީހުން ދޫކޮށްލުމަކީ ހެއްކާ ޤަރީނާ ރައްކާތެރި ކުރުމަށް މައްސަލަ ދިމާވެދާނެ ކަމެއް ކަމަށް ޕީޖީ އޮފީހާއި އޭޖީ އޮފީހުން ފާހަގަ ކުރައްވާފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބައެއް މައްސަލަތައް ހުރި ކަމަށް ދައުލަތުން ފާހަގަ ކުރައްވާފައިވާއިރު، އެހުކުމްތައް ބާތިލް ކޮށްދިނުމަށް ރައީސް ޔާމީން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ކިބައިން އެދިވަޑައިގެންފައެވެ.  އެހެންނަމަވެސް އެމައްސަލަތައް ބަލައިގެންފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ