އައްޑޫއަށްވެސް 24 ގަޑިއިރު ކަރަންޓު ޔަޤީން!

އައްޑޫ ކަރަންޓުގެ މައްސަލައަށް ވަގުތީ ޙައްލެއް ހޯދުމަށްޓަކައި އެ ސިޓީއަށް އިތުރު ދެ ޖަނަރޭޓަރު ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން ފެނަކައިން ބުނީ، ރޭ އައްޑޫ ސިޓީއަށް ގެންދިޔަ ދެ ޖަނަރޭޓަރުގެ ތެރެއިން 1.2 މެގަވޯޓުގެ ޖަނަރޭޓަރު، އިންޖީނުގޭގައި އިންސްޓޯލް ކުރުމަށްފަށައި، މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ.
އައްޑޫ ސިޓީއަށް ރޭ ގެންދިޔަ ދެ ޖަނަރޭޓަރަކީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 11 ޖަނަރޭޓަރުގެ ތެރެއިން ހަތަރު ޖަނަރޭޓަރަކަށް މައްސަލަ ދިމާވުމުން، މަރާމާތު ކުރުމުގެ މަސައްކަތަށް ބޭނުންވާ ސްޕެއަރ ރާއްޖެއިން ބޭރުން ގެނައުމަށް ދުވަސްތަކެއް ނަގާފާނެކަމަށްޓަކައި، ގދ. ތިނަދޫއިން ވަގުތީގޮތުން ގެންގޮސްފައިވާ ދެ ޖަނަރޭޓަރެވެ.
މި ޖަނަރޭޓަރުތައް އައްޑޫއަށް ގެންދިއުމުން، އުފާ ފާޅުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ބަންދަރު ސަރަޙައްދަށް ގޮސްފައިވެއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ގޮތުން 2.4 މެގަވޮޓުގެ އިތުރު ދެ ޖެނެރޭޓަރުވެސް އައްޑޫއަށް ފޯރުކޮށްދީފައިވާއިރު، މި ޖަނަރޭޓަރުތައް ބެހެއްޓުމަށްޓަކައި އިންޖީނުގެ ވަނީ ބޮޑުކޮށްފައެވެ. މިހާރު ކުރިއަށްދަނީ މި ޖެނެރޭޓަރު އިންސްޓޯލް ކުރުމަށްޓަކައި ޤާއިމް ކުރަން ޖެހޭ ސީވޯޓާ ކޫލިން ސިސްޓަމްގެ މަސައްކަތް ކަމަށް ފެނަކައިން ބުނެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުޙިންމު އެއް ވަޢުދުކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުގެ މިވަޢުދު ޙާޞިލްކުރެއްވުމުގައި ފެނަކާގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ