އެމްޑީޕީ އަށް ދެން އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ: މައުމޫން

ރާއްޖޭގެ ރައްޔިތުންގެ އިހުސާސްތައް ހުރި ގޮތަށް ބަލާ އިރު އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫ ޝަރަފުއްދީނު ސްކޫލްގައި ޕީޕީއެމުން ރޭ ބޭއްވި އެ ޕާޓީގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އިހުސާސްތައް ހުރި ގޮތަށް ބަލާ އިރު އަންނަ 2013 އިގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ނުކުރެވޭނެ ކަމަށާއި އިންތިހާބުގައި އެމްޑީޕީގެ ސަރުކާރެއް ދެން ވެރިކަމަށް ގެނައުމަށް ވޯޓު ދޭނެ ފަރާތްތައް ވަރަށް މަދު ވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ ރާއްޖެ އިން ފެންނާނެ ނަތީޖާއަކީ ފެބުރުއަރީ އަށް ވަނަ ދުވަހު ފެނިގެން ދިޔަ މަންޒަރު ތަކުރާވުން ކަމަށާއި މުޅި ރާއްޖޭގެ ކަންކަކޮޅުގައި ހުޅުޖަހާނެ ކަމަށެވެ.
"އެކަމުން ދެން ނުކުންނާނެ ނަތީޖާއަކީ އަށެއް ފެބުރުއަރީގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔަ މަންޒަރު ތަކުރާރުވުން. މުޅި ރާއްޖެ އިން ފެންނާނެ އެމަންޒަރު. މުޅި ރާއްޖޭގެ ބިނާތައް އަންދައި ހުލިކޮށްލާ މަންޒަރު ފެނިގެންދާނީ. ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންނަ މަންޒަރު ފެނިގެން ދާނީ. މުޅި ރާއްޖެ އޮންނާނީ އަލިފާނުގެ ތޭރަގައި މިއީ އެއްވެސް ހާލެއްގައި ކުރަންވާނެ ކަމެއް ނޫން،" މައުމޫނު ވިދާޅުވި އެވެ.
އަވަސް އިންތިހާބަކަށް އިދިކޮޅު އެމްޑީޕީން ތަކުރާރުކޮށް ގޮވާލާ ގޮވާލުމަށް ރައީސް މައުމޫނު ރައްދުދެއްވައި ވިދާޅުވީ އަވަސް އިންތިހާބެއް ބޭއްވުމަށް ޕީޕީއެމުން ތާއިދު ނުކުރާނެ ކަމަށާއި އަވަސް ރިޔާސީ އިންތިހާބެއް ބާއްވަން ގާނޫނު އަސާސީ ތަންނުދޭ ކަމަށެވެ. އަދި ވިދާޅުވި އެކަން ކުރެވެން އޮތް ގޮތަކީ ގާނޫނު އަސާސީ ބަދަލުކޮށްގެން ކަމަށާއި ނަމަވެސް އެފަދަ ގޮތަކަށް މަގުފަހިވާ ގޮތަށް ގަނޫނު އަސާސީ ބަދަލުކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
"ސަރުކާރަށް ބަޔަކު އަންނަން ވީމާ ގާނޫނު އަސާސީ ބަދަލުކުރަންވީ. މުޅި ގައުމުގެ މިލްކިއްޔާތު އެމީހުންގެ ޖީބަށް ލާންވީމާ ގާނޫނު އަސާސީ ބަދަލުކުރަންވީ. މުޅި ގައުމު ބޭރު ބަޔަކަށް ވިއްކާލަން ވީމާ ގާނޫނު އަސާސީ ބަދަލުކުރަންވީ، މިއަކީ މިގޮތަށް ކުރެވޭނެ ގޮތެއް ނޫން،" ރައީސް މައުމޫނު ވިދާޅުވި އެވެ.
ވޭތުވެ ދިޔަ ތިން އަހަރު ދުވަހު ކުރީގެ ރައީސް ނަޝީދު ގައުމުގައި ވެރިކަން ކުރި ގޮތާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މައުމޫނު ވިދާޅުވީ ދިވެހި ރާއްޖެ ވެއްޓިފައި ވަނީ ވަރަށް ހިތްދަތި ހާލަކަށް ކަމަށާއި ހަގީގަތުގައި ދިވެހި ގައުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ މަސައްކަތަކަށް ވާނީ 2013 އިގެ ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބު ކުރުމަށް ފަހު އަލުން އަނބުރާ ދިވެހި ގައުމު ހޯދުން ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
"ދިވެހި ގައުމު އެ އަސާސުތަކުގެ މައްޗަށް ބިނާވެފައިވާ އަސާސްތައް ވަނީ މުޅިން މުގުރާލާފައި. އެ އަސާސްތަކެއް ނެތް ދިވެހި ރާއްޖޭގައި މިހާރު އަމަން އަމާން ކަމެއް ނެތް. ހުރިހާ ތަނެއްގައި ވެސް ހިނގަމުން ދަނީ ޖަރީމާތައް، ލޭއޮހޮރުވުން މާރާމާރީ، މީހުން މެރުން ހަޅުތާޅުކުރުން އެކަކު އަނެކަކާ ދިމާކުރުން އެއްޗެތި ކިޔުން ނަފުރަތުކުރުން މިހެން ގޮސް ދަންނަވަފައި ނުދަންނަވާނެ ވަހަކެއް ނެތް،" މައުމޫނު ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ލޭއޮހޮރުވުން މާރާމާރީ މީހުން މެރުން ހަޅުތާޅުކުރުން އެކަކު އަނެކަކާ ދިމާކުރުން އެއްޗެތި ކިޔުން ނަފުރަތުކުރުން ފަދަ ކަންކަން ކުރާ ރާއްޖެ އަކީ ދިވެހި ރާއްޖެއެއް ނޫން ކަމަށާއި އެ ރާއްޖެ ދެނެވަޑައިނުގަންނަ ކަމަށެވެ.
"އަޅުގަނޑުމެން ދަންނަ ގައުމެއް ނެތޭ މިހާރު ދަންނަވަން ޖެހޭނީ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައިވާ ގޮތް ސައްތައިން ސައްތަ މުސްލިމު ގައުމެއް. އެހެންނަމަވެސް ދީން ގަބޫލު ނުކުރާ އެތައް ބަޔަކު ރާއްޖޭގައި ތިބިކަމުގެ ވާހަކަ އިވިގެން މިދަނީ. މިގައުމުގެ އިސްތިގުލާލާއި މިނިވަން ކަންވެސް އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ހީނަރުވެގެން،" މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ ފެބުރުއަރީ އަށް ވަނަ ދުވަހު ހުޅުޖަހާފައިވާ އައްޑޫ ޓްރެއިނިން ސްކޫލަށް ވަޑައިގެން އެތަން ބެއްލެވި ކަމަށާއި ރައްޔިތުންގެ މުދާ އެއްވެސް ޖެހިލުމެއް ނެތި އަންދާ ހުލިކޮށްލާފައިވާ މަންޒަރު ފެނުމުން އެމަނިކުފާނަށް ވެސް ކީރިތިކުރެވުނު ކަމުގައި ވިދާޅުވި އެވެ. އަދި އެކަމަކީ ގަބޫލުކުރެއްވޭނެ ކަންކަން ނޫން ކަމަށާއި އެފަދަ ހަދިސާތައް ހިންގި ފަރާތްތަކުގެ ތަހުގީގު އަވަސްކޮށް އެކަން ކުރި ބަޔަކާ މެދު އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމް އުފެދުނު ފަހުން އައްޑޫގައި ބޭއްވި ފުރަތަމަ ޖަލްސާގައި އެ އަތޮޅުގެ އެކި ރަށްރަށުން އަލަށް ޕީޕިއެމާ ގުޅުނު 954 މީހުންގެ ފޯމު އެކި ރަށްތަކުގެ ގޮފިތަކުގެ އިސްވެރިން ވަނީ ޕީޕީއެމްގެ ވަގުތީ ރައީސް މައޫމޫނާ ހަވާލުކޮށްފަ އެވެ.
ޕީޕީއެމްގެ ހިތަދޫ ގޮފީގެ އިސް ބޭފުޅެއް ކަމަށްވާ އިބްރާހިމް ރަޝީދު ވިދާޅުވީ އައްޑު އަތޮޅުގެ މަރަދޫގެ ފޯމްތައް ފިޔަވައި ހުރިހާ ރަށަކުން އަލަށް އެޕާޓީއާ ގުޅުނު ފަރާތްތަކުގެ ފޯމްތައް ހަވަލުކުރެވުނީ ކަމަށާއި މަރަދޫގެ ފޯމްތައް ވެސް ވަރަށް އަވަހަށް މިއަދު ހަވާލުކުރަނެ ކަމަށެވެ. އޭނާ އަދި ވިދާޅުވި ކުރިން ޑީއާރްޕީގެ އިސްސަފުގައި މަސައްކަތް ކުރި އެންމެ ބޭފުޅަކު ފިޔަވައި ހުރިހާ ބޭފުޅުން ޕީޕީއެމާ ގުޅިވަޑައިގެންނެވި ކަމަށާއި ޕީޕިއެމަކީ އައްޑޫގައި އެއް ވަނަ ޕާޓީކަމަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ