ރައީސް ޔާމީންގެ ބެލުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވާ އެޕާޓީ ހިންގޭނެ ގޮތެއް ހަމަޖެއްސުމަށް ސިވިލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއިދު ކުރުމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ރައީސް މައުމޫންގެ ފަރާތްޕުޅުން މިއަދު ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހަޅާފައިވާ ކަން ރައީސް މައުމޫންގެ ފެކްޝަން ހިންގަމުން އަންނަ ޕީޕީއެމުގެ ޓްވީޓާ އެކައުންޓުން ކަށަވަރު ކޮށްދިން ނަމަވެސް އިތުރު މައުލޫމާތެއް ނުދެއެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. ފަނޑިޔާރުންގެ މަޖިލީހުން މިމައްސަލަ އާއި މެދު މަޝްވަރާ ކުރާނެ އިރެއް އަދި ސާފެއް ނުވެއެވެ.
ސިވިލް ކޯޓުގެ ޙުކުމަށް ތާއިދުކޮށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ، ޕީޕީއެމްގެ މުސްތަޝާރާއި ޕާޓީ ހަވާލުކުރީ، ރަނގަޅަށް ކަމަށެވެ.
އަދި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕީޕީއެމްގެ މެމްބަރު، އައްބާސް ވާފިރުގެ ފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަތަކާއި، މައްސަލައަށް ތަދައްހުލްވި ފަރާތްކަމަށްވާ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން، ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް، ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މިވަގުތަކީ ޕީޕީއެމްގެ ރައީސް އާއި ނައިބު ރައީސްގެ ޒިންމާ، އަދާކުރުމަށް އުޒުރުވެރިވާ ފަދަ ހާއްސަ ހާލަތެއް ކަމަށްވާތީ ޕީޕީއެމް އަށް ދިމާވި މައްސަލައަށް ކޯޓުން "ފަރުވާއެއް ދެވިދާނެ" ކަމަށެވެ.
ޕީޕީއެމް މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ