މަސްވެރިކަމުގެ ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާ މަސްވެރިކަމުގެ އެހެން އިންވެސްޓްމަންޓްތަކަށް ހަރަދުކުރަން ބުރަވެވޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް މިދިޔަ ހަފްތާގައި ދެއްވި އިންޓަވިއުއެއްގައި ޝަފީއު ވިދާޅުވީ މަސްވެރިކަމުގެ ކެޕިޓަލް ގިނަ އިންވެސްޓްމަންޓްތަކަކަށް މަސްވެރިން އަދި ވެސް ބޭނުންވާ ކަމަށާއި މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި ހިމެނިފައިވާ 100 މިލިއަން ރުފިޔާ އިން މަސްވެރިކަން ތަރައްގީ ކުރުމަށް ގިނަ އިންވެސްޓް މަންޓްތަކެއް ކުރެވިދާނެ ކަމަށެވެ.
"މަސްވެރިންގެ ފަރާތުން އެބޭފުޅުން އައިސްޕްލާންޓްތައް ފަދަ ކަންތައްތައް ވެސް ބޭނުންވާކަން. އެއީ ވެސް އެބޭފުޅުންނަށް ވަރަށް މުހިންމު ކަންކަމަށްވޭ ހެޔޮ އަގުގައި އައިސް ނުލިބުން. އެކަހަލަ ގިނަ އިންވެސްޓްމަންޓްތައް މިސާލަކަށް އައިސްޕްލާންޓް ފަދަ ތަންތަން ބިނާކޮށް މިކަހަލަ ކަންތައްތައް ސަބްސިޑީ އަށް ކަނޑައެޅިފައި އެ އޮތް މިންވަރުގެ ފައިސާ އިން ކިތަންމެ މިފަދަ ކަމެއް ކުރެވޭނެ. އެހެންވެ އަޅުގަނޑަށް މިގޮތަށް ބުރަވެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްވެރިންގެ ސަބްސިޑީއަކީ މަސްވެރިން މަހަށް ފުރުވުމަށް ބާރުއަޅާ އެއްޗަކަށްވާ އިރު މަސްވެރިކަން ކުރިއެރުވުމަށް އެ ފައިސާ ބަޖެޓުގައި ކަނޑައެޅުމަކީ މުހިންމުކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ބަޖެޓް އެކުލަވާލުމުގައި މިފަހަރު އެކަމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެވާހަކަ މާލިއްޔަތު ކޮމެޓީއާ ވެސް ހިއްސާކުރިން. އަޅުގަނޑު މިބަލަނީ ބަޖެޓް އެކުލަވާލާއިރު އެކަމަށް ވިސްނާ، އިސްކަން ދެވިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ކުރީގެ ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްތަކުން ފެންމަތިވެފައި ހުރި މައްސަލަތަކަށް ބަލާއިރު މަސްވެރިންގެ ސަބްސިޑީ މަސްވެރިންކަން ނުކުރާ ދޯނިތަކަށް ވެސް ދެވިފައިވެ އެވެ. އަދި އެ ފައިސާ ބެހިފައި ވަނީ އެންމެ ހަމަހަމަ ގޮތުގައި ނޫންކަމަށް އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލަތަކާ ގުޅިގެން މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ ސަބްސިޑީގެ 100 މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ އިދާރީ ކަންކަމަށް ކަނޑައަޅައި މާލިއްޔަތު ކޮމެޓީން އެކުލަވާލާފައިވާ އުސޫލެއްގެ ތެރެއިން ސަބްސިޑީ ފައިސާ ދޫކުރުމަށެވެ.
މަސްވެރިންގެ ސަބްސިޑީ ދާއިރާގެ އިންވެސްޓްމަންޓްތަކަށް ހަރަދުކުރަން ބުރަވެވޭ: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ