ރިޔާސީ ބަޔާނަކީ ކޮމަންޑޫ ދާއިރާގެ ބައި އިލްކްޝަން މެނިފެސްޓޯ: އިދިކޮޅު
މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވާފައިވާ ރިޔާސީ ބަޔާނަކީ އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފިއެވެ. ގަޑިއެއްހާއިރަށް ދެމިގެންދިޔަ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ ގައުމުގެ ހާލަތުގެ އިތުރުން މިއަހަރު ސަރުކާރުން ކޮށްދިނުމަށް ނިންމާފައިވާ ބައެއް މުހިންމު ކަންތައްތައް އިއުލާނު ކުރައްވާފައެވެ. އެކަމާ ގުޅޭގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله "ސަން"އަށް ވިދާޅުވީ, މިއަހަރުގެ ރިޔާސީ ބަޔާނަކީ އެއްވެސް ތާކުން ތާކު ނުޖެހޭ އެއްޗެއް ކަމަށެވެ. "ރިޔާސީ ބަޔާން ކުރުގޮތަކަށް ދަންނަވާ ނަމަ ފެނިގެން ދިޔައީ ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިނަށް ތައްޔާރުކޮށްފައި އޮތް މެނިފެސްޓޯއެއް ގޮތުގައި. ގައުމުގެ ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ވުރެން ބޮޑަށް ރައްޔިތުންނަށް ލާބަޔާ މަންފާ ހުރި ގޮތަކަށް ގައުމުގެ އިގްތިސޯދު ކުރިއެރުވުމަށް ވިސްނުމުގެ ބަދަލުގައި ރިޔާސީ ކެމްޕެއިނަށް ތައްޔާރުވާ ކަހަލަ ގޮތަކަށް ވާހަކަތައް ހުރީ. ދެން އެއަކީ އޮއްޓަރެއް އާރެއް ހުރި އެއްޗެއްކަމަކަށް ގަބޫލެއް ނުކުރަން," އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ސިފަކުރެއްވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ ހިޔާލީ ފޮލާއެކެވެ. އެހެން ކަމުން އެ ބަޔާނުގައި ރައީސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެއްވެސް ކަމެއް އެގޮތަށް ހިނގާފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ސިއްހީ ދާއިރާއަށް ކޮށްދިނުމަށް ހުރި ކަންކަމުގެ ވާހަކަތައް ރިޔާސީ ބަޔާނުގައި ހިމަނާފައިނުވާކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ, އެ ވަހާކަތައް ދެއްކުމަށް ނިންމާފައި އޮތީ ރައީސް ސޯލިހު މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށްފަހުގައި ކަމަށެވެ. "އެހެންވީމަ ރިޔާސީ ބަޔާނަކީ އެއްގޮތަކަށް ވެސް އޭގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަމެއް އޮތް ކަމެއް ނޫން. ގައުމަކަށް ކުރިއެރުމެއް ލިބޭގޮތަށް ބައްޓަން ކޮށްފައި އޮތް އެއްޗެއް ނޫން," އަބްދުއްރަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ