ރައްޓެހިންގެ ނަމުގައި ފައިސާ ހޯދާ މައްސަލަތަކެއް

ރައްޓެހިންގެ ނަމުގައި ގުޅިގެން މަކަރުން ފައިސާ ހޯދާ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ބެންކް އޮފް މޯލްޑިވްސްއިން ބުނެފި އެވެ.
ބީއެމްއެލްއިން ބުނީ ރާއްޖޭގައި އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ރަހުމަތްތެރިންގެ ނަމުގައި ގުޅައިގެން ވެސް ފައިސާ ހޯދުން މިހާރުވަނީ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.
ފޭކް ކޯލަރުން ރައްޓެހިންގެ ނަމުގައި ގުޅައި ހަގީގަތެއް ނެތް ވާހަކައެއް ކިޔާދޭ ކަމަށާއި އޮންލައިކޮށް ޓްރާންސްޕާކުރަން އެދެ އެވެ. އަދި ބޭންކަށް ފައިސާ ޓްރާންސްފާ ކުރާ ފަހުން އެއީ ނުވެސް ދަންނަ މީހެއްކަން އެނގޭ އެވެ. އަދި އެމީހާ ގުޅި ނަންބަރަށް އަބުރާ ގުޅާއިރު ފޯން އޮންނަނީ އޮފް ކޮށްލައިފަ އެވެ.
ބޭންކަށް ގުޅާއިރު، އެ ފައިސާ ފޮނުވި އެކައުންޓްގައި ފައިސާއެއް ނުހުންނަ ކަމަށާއި އެހެންވެ، އެ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތެއް ވެސް ނޯންނަ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މިކަމާއި ގުޅޭގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެފަދަ ގޮތްގޮތަށް، އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް އެކިގޮތްގޮތަށް ހިނގަމުންދާ ކަމަށެވެ.
ގޮތެއްގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާ ފަރާތްތަކުން އޮޅުވާލުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކުރަމުން އާދޭ. މި ގޮތުން ކުރީގެ ރައްޓެއްސެއްކަމަށް ބުނެ އޮޅުވާލާ. ސަޕްލައިކުރާ ކުންފުނީގެ ނަމުގައި ވެސް ގުޅާ. އަދި ބެންކުގެ ނަމުގައިވެސް ގުޅާ. މިއިން ކޮންމެ ނަމެއްގައި ގުޅި ކަމުގައިވިޔަސް، އަދި އެކި ވާހަކަތައް ދައްކައި އިތުބާރު ހޯދުމަށްފަހު އާހިރުގައި މި އަތުލަނީ ފައިސާ. ޓްރާންސްފާ ކުރުވައިގެންނާއި ބައެއް ފަހަރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުވައިގެން،" އޭނާ ވިދާޅުވި އެވެ.
ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ފައިސާގެ މުއާމަލާތްތައް ނުކުރުމަށާއި އެފަދަ މައްސަލަތަކަށް ހުރިހާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ބީއެމްއެލްއިން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ