ސާބިތުނުވާ އެއްވެސް ކަމަކީ ހަރާމް ކަމެކޭ ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ދިރާސީ ކަރުދާހުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންތައްތަކާ ބެހޭގޮތުން ނަޒަރު ހިންގާލާއިރު، އިސްލާމް ދީނަކީ ލުއިފަސޭހަ އަދި ހުރިހާ ޒަމާނަކަށާއި، ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މުހިންމު ކަމަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.
އެ ކަމަކީ ހަރާމް ކުރައްވާފައި ނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ކަމަށް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މާތްﷲ ހަރާމް ކުރެއްވި ކަން ސާބިތުނުވާ އެއްވެސް ކަމަކީ ހަރާމް ކަމެއް ކަމުގައި ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ ކަމަށް މައުމޫނު ވަނީ ވިދާޅުވެފައެވެ.
މައުމޫން ވިދާޅުވީ ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބުތަތައް ފާހަގަކުރުމާއި، އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަންދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހިފިލުވުމަށް ކުރާ ކަންކަމާއި، އިސްލާމްދީނުގެ އުސޫލުތަކާއި ފުށުނާރާ ގޮތެއްގެމަތިން، ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓައި ކުރެވޭ ކަސްތަކުތަކާއި، ލަވަކިޔުމާއި، މިއުޒިކު ކުޅުންފަދަ ކަންކަމަކީވެސް ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތް ކަމަށެވެ.
އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ހަރާމް ކަމެއް އެކުލެވިގެންވާނަމަ ނުވަތަ އެ ކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތަކަށް ވާނަމަ، އެ ކަމެއް ހަރާމް ވާނެކަން ޔަގީން ކަމަށް މައުމޫނު ވިދާޅުވިއެވެ.
ސާބިތުނުވާ އެއްވެސް ކަމަކީ ހަރާމް ކަމެކޭ ބުނުމުގެ ހައްގު އިންސާނަކަށް ނޯންނާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ