އުމަރު ޕީޕީއެމުން ވަކިކުރަން ނިންމައިފި

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އެޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި އުމަރު ނަސީރު އެޕާޓީން ވަކިކުރުމަށް ޕީޕީއެމްގެ ސުލޫކް ކޮމިޓީން މިއަދު ނިންމައިފިއެވެ.
ވީނިއުސްއަށް މިކަން ޔަޤީންކޮށްދެއްވަމުން ޕީޕީއެމްގެ މަޖިލިސް މެންބަރަކު ވިދާޅުވީ އުމަރު ވަކިކުރަން ޕީޕީއެމްގެ ސުލޫކު ކޮމިޓީން ނިންމާފައިވާ ކަމަށާ، ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ޕީޕީއެމްގެ ކައުންސިލުން ކަމަށެވެ.
އުމަރު ޕީޕީއެމުން ވަކިކުރުމަށް ނިންމާފައި މިވަނީ ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައިވާތީއާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އުމަރު ވާހަކަ ދެއްކެވުމާއި ގުޅިގެން އުމަރު ޕަބްލިކްގައި މައާފަށް އެދިވަޑައިގަތުމަށް ޕީޕީއެމްގެ ކައުންސިލުން އެންގި އެންގުމާއި އެއްގޮތަށް އަމަލު ނުކުރެއްވުމުންނެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވާ މިމަހުގެ ނުވަވަނަ ދުވަހުގެ ރޭ އުމަރު ވިދާޅުވީ ޕީޕީއެމްގެ ކައުންސިލުން އަންގާފައިވާ ގޮތަށް އޭނާ ޕަބްލިކްގައި މައާފަށް އެދިވަޑައިނުގަންނަވާނެ ކަމަށާ، މައާފަށް އެދެންޖެހޭވަރުގެ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
އުމަރު އެރޭ ވިދާޅުވީ ޕީޕީއެމް އުފެއްދީ އޭނާއާއި ރައީސް މައުމޫން ކަމަށްވާތީ ޕީޕީއެމުން އޭނާ ވަކިކޮށްފިނަމަ އެޕާޓީއަށް ބިންހެލުމެއް އައިސް ޕާޓީ ފުނޑުފުނޑުވެގެންދާނެ ކަމަށެވެ.
އުމަރުގެ އަރިސް ބޭފުޅަކު މިރޭ ވިދާޅުވީ އުމަރު ޕީޕީއެމުން ވަކިކުރުމަށް ނިންމެވިކަން އުމަރަށް އަދި އަންގާފައި ނުވާ ކަމަށާ، ރަސްމީކޮށް އެކަން އެންގުމުން ޖަވާބުދެއްވާނެ ކަމަށެވެ. އަދި މިއަންނަ ހުކުރު ދުވަހުގެ ރޭ އުމަރު ބާއްވާ ހާއްސަ ޖަލްސާއެއްގައި އުމަރު ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ވިދާޅުވާނެ ކަމަށްވެސް އުމަރުގެ އަރިސް ބޭފުޅަކު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެވަޒީރެއްގެ އިތުބާރުނެތް ކަމުގެ މައްސަލައާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުން ޤާސިމް އިބްރާހިމް ވަކި ކުރުމުގެ މައްސަލަ އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
ހޯމް މިނިސްޓަރު ޑރ.މުހައްމަދު ޖަމީލު އަހުމަދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމު އިބުރާހީމް ޖޭއެސްސީން ވަކިކުރުމުގެ މައްސަލަ އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނިންމީ މިއަދު ބޭއްވި އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއްގައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިމައްސަލަތައް އަނބުރާ ގެންދިއުމަށް ނިންމީ ސިއްރު ވޯޓު މައްސަލާގައި މަޖިލީހުން އަމަލު ކުރާނެ ގޮތެއް އަދި ނިންމާފައި ނުވާތީ އާއި މަޖިލީހުގަ މެންބަރުން އަމަލުކުރައްވާ ގޮތުން މަޖިލީހުގެ ނިޒާމް ގެއްލި ޖަލްސާ ހަލަބޮލިވިޔަ ނުދިނުމަށް ކަމަށެވެ. އަދި މިމައްސަލަ ތަކުގަ މަޖިލީހުގަ ވަގުތު ބޭކާރުކޮށް ނުލުމަށް ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވި އިރު ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި ހޯމް މިނިސްޓަރ ޑރ މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މިދިޔަ ހަފްތާގެ ހޯމަދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރެވި ޑރ ޖަމީލްގެ މައްސަލައިގެ ބަހުސް ކުރެވި ވޯޓާ ހަމަޔަށް ގޮސްފަވަނިކޮށް ޖަލްސާ ހުއްޓާލީ އެމްޑީޕީގެ މެންބަރުން ރިޔާސަތަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިކޮށްގެންނެެވެ.
އިބޫ އިތުރަށް ވިދާޅުވީ ސިއްރު ވޯޓު މައްސަލާގައި މަޖިލީހުން ގޮތެއް ނިންމިހާ އަވަހަކަށް އަލުން އެތިން މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ.
އެމްޑީޕީން ހުށަހެޅި އިތުބާރުނެތް ކަމުގެ މައްސަލަތަކުގެ ތެރެއިން އަނބުރާ ގެންދަން ނިންމާފައި ނުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ މައްޗަށް ހުށަހެޅިފަވާ އިތުބާރުނެތް ކަމުގެ މައްސަލަ އެކަނި ކަމަށްވެސް އިބޫ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ