ޓީވީއެމް ސްކޫލްކުދިންގެ ލަވަ މުބާރާތުން އެއްވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލް

ޓީވީއެމް ސްކޫލްކުދިންގެ 19 ވަނަ ލަވަ މުބާރާތުން އެއްވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލް ހޮވިއްޖެވެ.
އެއްވަނަ ސްކޫލަކަށް އިސްކަންދަރު ސްކޫލް ހޮވުނުއިރު ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މިއަހަރު ފެށި ޓީވީއެމް ސްކޫލް ކުދިންގެ 19 ވަނަ ލަވަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ ހޯދާފައިވާ ލަވަކިއުންތެރިއަކީ ޖޫނިއަރ ގްރޫޕާއި 11 އަހަރުން ދަށުގެ އުމުރު ފުރައިންވެސް އެއްވަނަ ހޯދި ޖަމާލުއްދީން ސްކޫލްގެ ދަރިވަރު އާމިނަތް ޝައިނާ މުހައްމަދު ރަޝީދެވެ. މުޅި މުބާރާތުން ދެވަނަ ހޯދާފައިވަނީ ސީނިއަރ ގްރޫޕުން އެއްވަނަ ހޯދި އަދި 16 އަހަރުން ދަށުގެ އުމުރުފުރައިވެސް އެއްވަނަ ހޯދި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ބިދޭސީ ދަރިވަރު ވިގްނަސް ނަމްބިއާއެވެ.
މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ލަވަކިއުންތެރިއަކަށް ހޮވިފައިވަނީ ގަލޮޅުމަދަރުސާގެ ލީން އަހުމަދު ނިޝާންއެވެ. 9 އަހަރުން ދަށުގެ އެއްވަނަ ލިބިފައިވަނީ ޖަމާލުއްދީން ސްކޫލްގެ ދަރިވަރު މުހައްމަދު ޚަލަފް ހާފިޡްއަށެވެ.
ޖަމާލުއްދީން ސްކޫލްގެ ދަރިވަރު އައިމިނަތު ސައިނާ މުހައްމަދު ރަޝީދު 11 އަހަރުން ދަށުގެ އެއްވަނަ ގެންދިޔައިރު 13 އަހަރުން ދަށުގެ އެއްވަނަ ހާސިލްކޮށްފައިވަނީ އިސްކަންދަރު ސްކޫލްގެ ދަރިވަރު ޔޫސުފް ޔޫހާން އާތިފއެވެ.
ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ބިދޭސީ ދަރިވަރު ވިގްނަސް ނަމްބިއާ 16 އަހަރުން ދަށުގެ އެއްވަނަ ހާސިލްކުރިއިރު 19 އަހަރުން ދަށުގެ އެއްވަނަ ހާސިލްކޮށްފައިވަނީ އަމީނިއްޔާ ސްކޫލްގެ މާއިޝާ މުހައްމަދު މުސްތަފާއެވެ.
ގްރޫޕް ހުށައެޅުމުން ޕްރީ ސްކޫލްބައި އެއްވަނަ މަދަރުސަތުލް އަމީރު އަހުމަދު ހޯދިއިރު ގްރޫޕް ހުށައެޅުން ގްރޭޑް ސްކޫލްބައިން އެއްވަނަ ހޯދާފައިވަނީ އިމާދުއްދީން ސްކޫލެވެ.
ފަނަރަ ސްކޫލަކުން ތިންސަތޭކަ ބައްތިރީސް ދަރިވަރުން ބައިވެރިވި މިފަހަރުގެ ލަވަ މުބާރާތުގެ އެންމެ މޮޅު ޅެމަކަށް ހޮވިފައިވަނީ ޢާދަމް ހަލީމް އަދުނާންގެ ޅެމެކެވެ. އެންމެ މޮޅު އަމިއްލަ ރާގުގެ މަޤާމް ލިބިފައިވަނީ ޝައްމޫން މުހައްމަދުގެ ރާގަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ