އެޗްއާރުސީއެމުން ގާސިމް ބައްދަލުކޮށްފި

ހައްގު ހޯދަން ޖުމްހޫރީ ގުޅުމުން ކުރަމުންދާ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ފާހަގަކޮށްފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
އެ ކޮމިޝަނުން މިކަން ފާހަގަކޮށްފައިވަނީ އިއްޔެ ޖުމްހޫރީ ގުޅުމުގެ ލީޑަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުންޏެވެ.
އެޗްއާރްސީއެމްގެ ތިން މެމްބަރުން ކަމަށްވާ ޑރ. އަލީ ޝަމީމާއި، އަހްމަދު އަބްދުލް ކަރީމާއި، ޖީހާން މަހުމޫދުގެ އިތުރުން އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޝަމްއޫން ހަމީދު ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރު އަހުމަދު އަބްދުލް ކަރީމް ވަނީ ހައްގު ހޯދަން ޖުމްހޫރީ ގުޅުމުން މަގު މައްޗަށް ނުނިކުމެ ކޯޓް މަރުހަލާގެ ތެރެއިން މަސައްކަތްކުރަމުންދާތީ އެކަން ފާހަގަކުރައްވާފަ އެވެ. އޭނާގެ ވާހަކަފުޅުގައި ވަނީ ޖުމްހޫރީ ގުޅުމުން ހައްގު ހޯދަން ކުރާ މަސައްކަތުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރަމުން ނުދާތީ އެކަން ވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެޗްއާރުސީއެމްގެ މެމްބަރުން ވަނީ ކެމްޕޭން ކުރުމުގައާއި، ސިޔާސީ ހަރަކާތްތައް ހިންގުމުގައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށާއި، ގާނޫނާއި ހިލާފު އަމަލުތައް ނުކުރުމަށާއި، ހައްގު ނޫން ބަސްތައް ބޭނުން ނުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އެއްވުންތަކާއި މުޒާހަރާތަކުގައި ލާއިންސާނީ އަމަލުތައް ހިންގުމަށް ހިތްވަރުދޭ ފަދަ ބަސްމަގު ބޭނުން ނުކުރުމަށާއި، މީހުންނަށާއި، ތަންތަނަށް ގެއްލުން ދިނުމަށް ގޮވާލުން ހުއްޓާލުމަށް އިލްތިމާސް ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވަނީ އެޗްއާރުސީއެމްގެ މެމްބަރުން ޖުމްހޫރީ ގުޅުމުގެ އިސްވެރިންނާއި ބައްދަލުކުރެއްވީތީ އެ ކޮމިޝަނުގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ގާސިމް ދެއްކެވި ވާހަކަފުޅުގައި ޖުމްހޫރީ ގުޅުމަކީ ހަމަނުޖެހުން އުފެއްދުމަށް ލޯބިކުރާ ބައެއް ނޫން ކަމަށާއި އެ ގުޅުމުން މަސައްކަތް ކުރަމުންދަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނު އަސާސީގެ ކަރާމާތް ނަގާލުމަށް ބައެއް މެމްބަރުން ކުރަމުންދާ މަސައްކަތް ފަހާގަކުރައްވާ އެކަމުގެ މައުލޫމާތު ގާސިމް ވަނީ އެޗްއާރުސީއެމްގެ މެމްބަރުންނާއި ހިއްސާކުރައްވާފަ އެވެ.
ރާއްޖެއަށް އިންޑިއާ ސިފައިން އެރުމަށް ކޮމަންވެލްތުން އިންޑިއާގެ ކިބައިން އެދުމަށް ގޮވާލާ ރާއްޖޭގެ ހާރިޖީ ވަޒީރުކަން ކުރައްވާފައިވާ ޑރ. އަހުމަދު ޝަހީދު ކުރައްވާފައިވާ ޓްވީޓާއި، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކާއި އިންތިހާބުގައި އޮޅުވާލުމަށް ހިންގާފައިވާ ކަންކަމުގެ ތަފްސީލީ މައުލޫމާތު ވެސް ގާސިމް ވަނީ އިއްޔެ އެޗްއާރްސީއެމްއާ ހިއްސާކުރައްވާފަ އެވެ.
އެޗްއާރުސީއެމްގެ މެމްބަރުންގެ އިތުރުން ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖެ އައިސް އުޅޭ ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމު ވެސް ވަނީ ޖުމްހޫރީ ގުޅުމުގެ އިސް ފަރާތްތަކާއި އިއްޔެ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ޖުމްހޫރީ ގުޅުމުގެ ފަރާތުން ވަނީ އިންތިހާބުގައި އޮޅުވާލުމަށް ހިންގާފައިވާ ކަންކަމުގެ ތަފްސީލު އެ ފަރާތްތަކާއިވެސް ހިއްސާކުރައްވާފަ އެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ކަން ހިނގާފައިވާ ގޮތާއި، އަދި ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ މައުލޫމާތު ވެސް ވަނީ ހިއްސާކުރައްވާފަ އެވެ.
ކޮމަންވެލްތުގެ އޮބްޒާވަރުން މައިގަނޑު ގޮތެއްގައި ކޮންބޮޑުވެވަޑައިގަތީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސްކަމަށް އިންތިހާބު ކުރައްވާ ފަރާތެއް ހުވާ ނުކުރެއްވިދާނެތީ ކަމަށްވެސް މިބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ