ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު (އަބުދުﷲ ގާޒީ) ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައަކީ ހުޅުމާލެ ކޯޓުން ބެލޭނެ މައްސަލައެއް ތޯ ނުވަތަ ނޫންތޯ ދެން އޮންނަ އަޑު އެހުމުގައި ކަނޑައަޅާނެކަމަށް ހައި ކޯޓުން ބުނެފިއެވެ.
ޕްރޮސެކިޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ހުޅުމާލެ މެޖިސްޓަރޭޓް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިޞާސް އެކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅައި މައްސަލަ ފޮނުވާލުމާގުޅިގެން ޕީޖީ އޮފީހުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާގުޅިގެން ހައިކޯޓުގައި މިއަދު ބޭއްވެވި ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޔޫސުފް ހުސައިން އިތުރު ކަމެއް ނެތް ނަމަ ދެން އަންނަ އަޑު އެހުމުގައި ގޮތެއް ކަނޑައަޅުއްވާނެކަމަށެވެ.
މިއަދުގެ އަޑު އެހުމުގައި ޕީޖީގެ ގާނޫނީ ވަކީލު ވިދާޅުވީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ޝަރުއީ އަދި ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 66، 67 އަދި 69 ވަނަ މާއްދާއާއި ހިލާފަށް ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޕީޖީގެ ވަކީލު ވިދާޅުވީ ހުޅުމާލެ ކޯޓުގެ އެނިންމެވުމަކީ އެވަގުތު ހުޅުމާލެ ކޯޓުގައި ހުންނެ ފަނޑިޔާރެއްގެ ނިންމެވުމެއް ކަމަށް ހުޅުމާލޭން 2012 ޖުލައި 24 ވަނަ ދުވަހު ޕީޖީ އޮފީހަށް ފުނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މިހާރުވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި މިބާވަތުގެ އެހެން މައްސަލައެއް ހިނގަމުންދާ ކަމަށާއި އެމައްސަލާގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 2012 މެއި 27 ވަނަ ދުވަހު ކަމަށް ޕީޖީގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.
އެއްބާވަތެއްގެ ދެމައްސަލަ ދެގޮތަކަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމަލު ކުރަމުންދާ ކަމަށާއި މިއީ ޝަރުއީ އަދި ގާނޫނާ ހިލާފު ކަމެއްކަމަށްވެސް ޕީޖީގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.
ޕީޖީގެ ގާނޫނީ ވަކީލު ހައިކޯޓުގައި އެދިފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނުގެ 66 އަދި 69 ވަނަ މާއްދާގެ ދަށުން އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ ހުޅުމާލޭ ކޯޓުގެ އިހްތިޞާސް ތަކުގެތެރޭގައި ހިމެނޭކަމެއްކަމަށް ކަނޑައަޅައި އަދި އަބުދުﷲ ގާޒީ މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބެލުމުގެ އިހްތިޞާސް އެކޯޓުގެ އިހްތިޞާސްތަކުގެތެރޭގައި ނުހިމެނޭ ކަމަށް ނިންމާފައިވާ ނިންމެވުން ބާތިލްކޮށް ދިނުމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ސަލާމަތީ ބާރުތަކުގެ ދަށަށް އަބުދﷲ ގާޒީ ގެންގޮސްފައިވަނީ 2012 ޖެނުއަރީ 16 ވަނަ ދުވަހު ރޭ ގަނޑުގެ ވަގުތެއްގައެވެ. އަބަދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ޕީޖީ އޮފީހުން ހުޅުމާލެ ކޯޓަށް ފޮނުވާފައިވަނީ 2012 ޖުލައި 17 ވަނަ ދުވަހުއެވެ.
ދެން އޮންނަ އަޑު އެހުމެއްގައި އަބުދުﷲ ގާޒީ މައްސަލަ ބެލޭނެތޯ ކަނޑައަޅާނެ: ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ