ދާއިރާގެ ތާއީދު ނެތް މެމްބަރުންގެ ގޮނޑި ގެއްލޭ ބިލެއް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ވެފައިވާ ދާއިރާއަކުން އެ މެމްބަރަކާ މެދު ހިތްހަމަނުޖެހޭ ނަމަ ގޮނޑި ގެއްލޭ ބިލެއް މަދަނީ އިއްތިހާދުން މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ. ނަލަހިޔާ ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ މަޖިލިސް "އިސްލާހު ކުރުމަށް" މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން އެ ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަންނަ ހަފުތާ ތެރޭ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. "ރައްޔިތުންގެ މަޖިލީހުގައި މިހާރު އެބަ ހިމެނިވަޑައިގެންނަވާ އެ މެމްބަރު ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުން ވެސް ހިތްހަމަނުޖެހޭ މެމްބަރުން. އެހެންވެ އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓަކީ އެފަދަ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތެއް މަޖިލީހުން ކަނޑައެޅުން،" އިމްރާން ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަމީމް ވިދާޅުވީ މި ބިލު މަޖިލީހަށް ހުށަހަޅާނީ އިއްތިހާދުން ތާއީދުކުރާ މެމްބަރަކު ލައްވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މަޖިލީހުގެ ކޮމެޓީތަކުންނާއި ތަޅުމުގައި ވެސް މި ބިލާ ބެހޭ ގޮތުން ބަހުސްކުރައްވާއިރު، ބިލު އޮންނަން ވާނެ ގޮތެއް އެ ޖަމިއްޔާއިން ކަނޑަނާޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ބިލު އޮންނަން ވާނެ ގޮތް ކަނޑައަޅުއްވާނީ މެމްބަރުން. ކޮންމެ ގޮތަކަށް އޮތް ނަމަވެސް އަޅުގަނޑުމެންގެ މަގްސަދަކީ މިފަދަ ބިލެއް ފާސްވެގެން ދިޔުން. ބޭނުމަކީ މަޖިލީހުގައި ތިއްބެވި ރައްޔިތުން ހިތްހަމަނުޖެހޭ މެމްބަރުން ގޮނޑި ގެއްލޭ ފަދަ ގޮތެއް ކަނޑައެޅުން،" ޝަމީމް ވިދާޅުވި އެވެ. މަދަނީ އިއްތިހާދުން ބުނީ ރައްޔިތުންގެ މަޖިލިސް ވާން ޖެހޭނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރާ ތަނަކަށް ކަމަށާއި އެކަމަކު މަޖިލީހުގެ ތެރެއިން މިހާރު ފެންނަނީ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވާ ކަންތައްތަކެއް ކަމަށެވެ. އަދި ރައްޔިތުން ނިކުމެ، މަޖިލީސް މިހާރު ޒިންމާދާރު ކުރުވަން ޖެހިފައިވާ ކަމަށް ވެސް އިއްތިހާދުން ބުނެ އެވެ. އިމްރާން ވިދާޅުވީ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ހުރީ ރައްޔިތުންގެ މަޖިލީހާ މެދު ނޫން ކަމަށާއި އެކަމަކު ބައެއް މެމްބަރުން އަމަލުކުރައްވާ ގޮތުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާތީ ކަމަށެވެ. އަދި ގާނޫނު އަސާސީއާ ވެސް ފުށުއަރާ ގޮތަށް ބައެއް މެމްބަރުން އަމަލުކުރެއްވުމުން އެކަންކަން ގައުމީ ބޮޑެތި މައްސަލަތަކަށް ވެގެންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމަށް ސަރުކާރަށް ބޮޑު ޕްރެޝަރެއް ކުރި މަދަނީ އިއްތިހާދުން ދަނީ، އެކަން ކާމިޔާބުވުމުން އުފާ ފާޅުކުރަމުންނެވެ. އެގޮތުން ޖީއެމްއާރާ އެކު ސަރުކާރުން ވެފައިވާ އެގްރީމެންޓް އުވާލައި، އެތަން ހިންގުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކުރުން ފާހަގަކުރުމަށް މަދަނީ އިއްތިހާދުން މިރޭ އާންމުކޮށް ހުޅުވާލައިގެން އާޓިފިޝަލް ބީޗުގައި ޚާއްސަ ކެއުމެއް ބާއްވަން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ