ތިން ސަރަހައްދެއްގައި ކުނިން ކަރަންޓް ނުވަތަ ފެން އުފައްދަން މި އަހަރު ފަށަނީ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުނިން ކަރަންޓް ނުވަތަ ފެން އުފެއްދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިރޭ ބުނެފި އެވެ. އަބޫދާބީގައި ކުރިއަށްދާ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ)ގެ ފަސް ވަނަ އެސެމްބްލީއާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުނިން ހަކަތަ ނުވަތަ ފެން އުފައްދަން ބޭނުންވާ ނިޒާމް ގާއިމްކުރަން، އައިރީނާ މެދުވެރިކޮށް އަބޫދާބީ ޑިވެލޮޕްމަންޓް ފަންޑުން މިދިޔަ އަހަރު ހަ މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާ މެދު މިހާރު ކުރިއަށްދާ އެސެމްބްލީގެ ހަވާސާގައި އަބޫދާބީ ފަންޑާއި ދިވެހި ސަރުކާރާ ދެމެދު މަޝްވަރާކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ތިން ސަރަހައްދެއްގައި ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއު ފަށާއިރު އެއް ސަރަހައްދެއްގެ ގޮތުގައި އައްޑޫ ވަނީ ކަނޑައަޅައިފަ އެވެ. ގިނައިން ކުނި އުފެދޭ ރަށްރަށުގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމަކީ އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން ކުރެވިދާނެ ކަމެއްތޯ ބެލުމަށް މީގެ އަހަރުތަކެއް ކުރިން ވަނީ ފަސް ރަށެއްގައި ދިރާސާ ވެސް ކޮށްފަ އެވެ. އެ ދިރާސާ އިން ދެއްކި ގޮތުގައި ދުވާލަކު 50 ޓަނުގެ ކުނި އުފެދޭ ރަށްރަށުން ކުނި އަންދައިގެން ލިބޭ ހަކަތައިން ކަރަންޓް އުފައްދައި ލޮނު ފެން މީރު ފެނަށް ބަދަލުކުރުމަށް ބޭނުންވާ ހަކަތަ ލިބޭނެ އެވެ. އައިރީނާގެ ފަސް ވަނަ އެސެމްބްލީގައި މިނިސްޓަރު ތޯރިގާއި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ އައިރީނާ އެސެމްބްލީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ، ސިޔާސަތު އެކުލަވާލުމުގައި ހަލުވިކަމާ އެކު އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވޭނެ ފަދަ ސިޔާސަތުތައް އެކުލަވާލުމަށް ބާރުއަޅުއްވާފަ އެވެ. އަދި އެކަމަށް ބޭނުންވާ އެހީތެރިކަން މެމްބަރު ގައުމުތަކުން ދިނުމަށް ގޮވާލެއްވި އެވެ. ރާއްޖޭގެ ހަކަތައިގެ ދާއިރާ ބައްޓަންކޮށްފައިވާ ގޮތަށާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ކުރިއަށް ގެންދެވޭ މަސައްކަތްތަކުގެ ތަފުސީލް ވެސް މިނިސްޓަރު ވަނީ އެސެމްބްލީގެ ބައިވެރިންނާ ހިއްސާކުރައްވާފަ އެވެ. މިނިސްޓްރީން ބުނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ފުޅާ ދާއިރާއެއްގައި ބޭނުންކުރަން ކުރަމުން އަންނަ މަސައްކަތަށް އައިރީނާ އިން އެހީތެރިވެދެމުން އަންނަ ކަމަށެވެ. ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ މަގުޗާޓު އެކުލަވާލަން އައިރީނާގެ އެހީއާ އެކު ކުރިއަށް ގެންދާ މަސައްކަތް ވެސް ނިމުމަކާ ހިސާބަށް ގޮސްފައިވާކަން މިނިސްޓްރީން ފާހަގަކުރެ އެވެ. އައިރީނާ އެސެމްބްލީގައި ދުނިޔޭގެ 170 އަށް ވުރެ ގިނަ ގައުމުންނާއި ބައިނަލްއަގުވާމީ 50 ޖަމާއަތް ހިމެނޭ ގޮތަށް 1200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. އަހަރަކު އެއްފަހަރު ބާއްވާ އެސެމްބްލީއަކީ މެމްބަރު ގައުމުތަކާއި ޖަމިއްޔާތައް ތަމްސީލުކުރާ ފަރާތްތަކާ އެކު އައިރީނާއާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމަށް ބާއްވާ ބައްދަލުވުމެކެވެ. މިނިސްޓަރު ތޯރިގްގެ އިތުރުން މި އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީނާއިި މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އަލީގެ އިތުރުން އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޝާޒޭ ޑިއެފެއާޒް މުސްއަބް އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ