ބަހުގެ ހިދުމަތް ހޯދާ މީހުންގެ އަދަދު މަދުވެއްޖެ: އައްޑޫ އެމްވީކޭ

ފަހަކަށް އައިސް އައްޑޫގައި ހިންގަމުން އަންނަ އެކިއެކި ހަމަނުޖެހުންތަކާ ގުޅިގެން ބައެއް ފަރާތްތަކުން ބަސްތަކަށް ވެސް ގެއްލުންދެމުންދާތީ ބަހުގައި ދަތުރުކުރާ މީހުންގެ ނިސްބަތް މަދުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްވީކޭ އިން ބުނެފި އެވެ. އެމްވީކޭ ދެކުނު ޕްރޮވިންސްގެ ދަތުރުފަތުރާ ބެހޭ ކޯޑިނޭޓަރު މަސްއޫދު ސައީދު ވިދާޅުވީ ފެބްރުއަރީ މަހުގެ ތެރޭގައި އައްޑޫގައި ހިންގި ހަމަނުޖެހުންތަކުގައި އެމްވީކޭގެ ތިން ބަހަކަށް ތިން ފަހަރަކަށް ގެއްލުންދީ ބަސްތަކުގެ ބިއްލޫރި ވެސް ތަޅާލާފައިވާ ކަމަށެވެ. އަދި ސާކް ސަމިޓާ ދިމާކޮށް ބަހުގެ ބޭރުގައި އައްޑޫ ރަމްޒުކޮށްދޭ ގޮތަށް ޖެހި ސްޓިކާ ނެއްޓުމަށާއި އެ ޖަހައިގެން ދުއްވާ ނަމަ ބަސްތައް ތަޅާލާނެ ކަމަށް ބުނެ އިންޒާރު ވެސް ދީފައިވާ ކަމަށް މަސްއޫދު ވިދާޅުވި އެވެ. އެހެންވެ ބޮޑު ހަރަދެއްކޮށްގެން ޖެހި އެ ސްޓިކާތައް ވެސް މިހާރު ނައްޓާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ހިދުމަތް މި ދެނީ ސިޔާސީ އެއްވެސް ކުލައެއް ޖެހިގެން ތިބެއެއް ނޫން. މިއީ ރައްޔިތުންނަށް އަސާސީ ހިދުމަތެއްގެ ގޮތުގައި އަޅުގަނޑުމެން ފޯރުކޮށްދެމުން އަންނަ ހިދުމަތެއް. މި ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ފިކުރެއް އަޅުގަނޑުމެން ނުގެންގުޅެން. އަދި އެފަދަ ހިޔާލެއް ދުވަހަކު ނުވެސް ގެންގުޅޭނަން. ރައްޔިތުންނަށް ހިދުމަތް ދިނުން ބޭނުމަކީ،" ކޮޅަކަށް 10ރ. ނަގައިގެން ދޭ ހިދުމަތާ ބެހޭ ގޮތުން މަސްއޫދު ވިދާޅުވި އެވެ. "ނަމަވެސް ބައެއް ފަރާތްތަކުން ބަހަށް ގެއްލުންދީ، ތަފާތު އިންޒާރުތައް ދެމުންދާތީ އަޅުގަނޑުމެންނަށް ދަތިތަކެއް އެބަހުރި ކުރިމަތިވެފައި. އަދި ބަސްތަކަށް ގެއްލުންދޭތީ އާންމުން ބަހުގައި ދަތުރު ކުރަން ވެސް އެބަ ޖެލިހުންވޭ މިހާރު. ފަހުން ދާދި ފަހުން ހިންގި ހަމަނުޖެހުންތަކުގައި ވެސް ތިން ބަހަކަށް ގާ އުކައި ބިއްލޫރި ވެސް ތަޅާލާފައިވަނީ." އެމްވީކޭ އިން ބުނީ ބަޔަކު އެ މީހުންގެ ހިދުމަތަށް ހުރަސްއަޅަން މަސައްކަތްކުރި ނަމަވެސް، ހިދުމަތް ދިނުން ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ވެސް ފައިދާ ހުރި ފަސޭހަ ހިދުމަތަކަށް ވާތީ، އެމްވީކޭގެ ހިދުމަތް އައްޑޫގައި ވަރަށް ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ހާއްސަކޮށް އައްޑޫގެ އާބާދީގެ ބޮޑު ބައި ދިރިއުޅޭ ގުޅިފައިވާ ރަށްރަށުން ބަހުގެ ހިދުމަތަށް ބޮޑު ތަރުހީބެއް އަބަދު ވެސް އޮންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. "ބަހަށް ގެއްލުންދީ އިންޒާރު ދޭ މައްސަލަ ވަކިން އޮންނަ ހުޅުމީދޫން މިހާތަނަށް ކުރިމަތިވެފައެއް ނެތް،" މަސްއޫދު ވިދާޅުވި އެވެ. އައްޑޫގެ ގުޅިފައިވާ ރަށްރަށަށް އެމްވީކޭން ބަހުގެ ހިދުމަތް ދިނުމަށް މިހާރު ނުވަ ބަސް ބޭނުންކުރަމުން އަންނަ އިރު ހުޅުމީދޫގައި ދެ ބަސް ބޭނުންކުރެ އެވެ. އެމްވީކޭ އިން އައްޑޫގައި ބަހުގެ ހިދުމަތް ދޭން ފެށީ 2010 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ