ދެ ގަޑިއިރު ތެރޭ ތިނަދޫ ހޮސްޕިޓަލަށް ކަރަންޓު ދެވޭނެ ކަމަށް ލަފާ ކުރެވޭ- ފެނަކަ

ކުރިއަށް އޮތް ދެގަޑިއެއްހާ އިރު ތެރޭގައި ތިނަދޫގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ކަރަންޓު ދެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފެނަކައިގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.
މިރޭ ވަގުތަށް ދެއްވި އިންޓަވިއުއެއްގައި ނިމާލް ވިދާޅުވީ  ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަގުތީ ގޮތުން ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި ފުރަތަމަ ބަލަމުން ދަނީ އެރަށުން ޖަނެރޭޓަރެއް ލިބޭތޯ ކަމަށެވެ. އަދި އެރަށުން ޖަނެރޭޓަރެއް ނުލިބިއްޖެ ނަމަ އެންމެ ކައިރި ހިސާބަކުން ޖަނެރޭޓަރެއް ގެނެސްގެން ކަރަންޓު ފޯރުކޮށްދޭނެ ކަމަށެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުނު އިރު ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ދެމީހުންނާއި ވޯޑުތަކުގައި ފަރުވާ ދެމުން ދިޔަ މީހުންވެސް ވަނީ އެއް ވޯޑަށް ގެނެސްފައެވެ. ތިނަދޫ ކަރަންޓަށް ޖެހިފައިވާތާ މިހާރު ތިން ގަޑިއިރު ވެފައިވާއިރު އެރަށު އިންޖީނުގެއަށް ލިބުނު ގެއްލުމުގެ ހިސާބެއް ނޭނގެ އެވެ. ހޮސްޕިޓަލުގެ އޮފިޝަލަކު ވަގުތަށް ވިދާޅުވީ އައިސީޔޫގައި ތިބި ޕޭޝަންޓުންގެ ހާލު ސްޓޭބަލް ކަމަށެވެ. އަދި ވޯޑަށް ބަދަލު ކުރީ އެހެންވެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނިމާްލް ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ވަރަށް ގިނަ އިރުވީ ފަހުން ކަމަށާއި އަދިވެސް އެތަނުން ދުން އަރަމުން ދާތީ އާއި ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު ހުރުމުން ފެނަކައިގެ ޓެކްނިކަލް ޓީމަށް ވަނުމުގެ ހުއްދައެއް ނުލިބޭ ކަމަށެވެ. ނަމަވެސް އެތެރެއަށް ވަދެވުމާ އެކު ލިބިފަ ހުރި ގެއްލުން ބެލުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނިމާލް ވިދާޅުވީ ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުމާ އެކު ފެނަކައިގެ ހެޑް އޮފީހުގެ މުއައްޒަފުން އޮފީހަށް ނުކުމެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ