އެމެރިކާއިން އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނަމަ، ރަތް ކަނޑުގެ ބާބު އަލް-މަންދަބު ކަނޑުއޮޅި ބަންދުކުރުމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް އީރާނުން އަންގައިފިއެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާގޮތުގައި، މިއީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ކުރިމަތިވެދާނެ އިތުރު ބޮޑު ނުރައްކަލެއްކަމަށް ބެލެވެއެވެ.
އީރާނުން މިފަދަ އެންގުމެއް ހޫތީންނަށް އަންގާފައިވާއިރު، ބާބު އަލް-މަންދަބު ކަނޑުއޮޅިއާ ކައިރީގައި ހޫތީން މިހާރުވެސް މިސައިލާއި ޑްރޯންތައް ޖަމާކޮށްފައިވާ ކަމަށް ރިޕޯޓްތައްބުނެއެވެ. އަދި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ މަންދޫބުންގެ ބެލުމުގެ ދަށުން މި ކަނޑުއޮޅި ބަންދުކުރުމުގެ އަމުރަށް އެ މީހުން ތައްޔާރަށް ތިބި ކަމަށް މައުލޫމާތު ލިބެއެވެ.
މި ކަނޑުއޮޅިއަކީ މިހާރު ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ގާތްގަނޑަކަށް 7 އިންސައްތަ ހިއްސާކުރާ މުހިންމު މަގެކެވެ. މި މަގު ބަންދުވެއްޖެނަމަ، ހޯރުމްޒް ކަނޑުއޮޅި ބަންދުވެފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ ހަކަތައިގެ އަގުތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.
ސައުދީ އަރަބިއްޔާއިން މި އިންޒާރުތައް ވަރަށް ސީރިއަސްކޮށް ބަލަމުން އަންނައިރު، ހޫތީން އީރާނާ ގުޅިގެން ރަތް ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަން ސައުދީއަށް އެނގޭކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.
ރަތް ކަނޑުގެ ސަރަހައްދުގައި ހޫތީން މިހާރުވެސް މިސައިލާއި ޑްރޯންތައް ބޭނުންކޮށްގެން ދެމުންގެންދާ ހަމަލާތަކަކީ ދުނިޔޭގެ ކަނޑުދަތުރުފަތުރާއި ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައިވާ ކަމެކެވެ. ޚާއްސަކޮށް ބާބު އަލް-މަންދަބު ކަނޑުއޮޅިއަކީ ދުނިޔޭގެ ތެޔޮ ސަޕްލައިގެ މައިނާރު ކަމަށްވާއިރު، މި ސަރަހައްދުގައި ހޫތީންގެ ހަރަކާތްތައް އިތުރުވުމަކީ މުޅި ދުނިޔޭގެ އިގްތިސާދީ ހަމަޖެހުމަށް އޮތް ބިރެކެވެ. މީގެ ކުރިން ހޯމްޒް ކަނޑުއޮޅިއާ ގުޅޭގޮތުން އުފެދުނު ކަންބޮޑުވުންތަކަށްފަހު، މިފަދަ އާ ބިރުދެއްކުންތަކަކީ ސަރަހައްދީ ހަމަނުޖެހުންތައް އިތުރަށް ގޯސްވެދާނެ ކަމުގެ އަލާމާތެކެވެ.
ރަތް ކަނޑު ބަންދުކުރަން ހޫތީންނަށް އީރާނުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ